ސްރީ ލަންކާ ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް ދޭޝާބަންޑޫ ޓެންނަކޫން.
22 ޖުލައި 2025 - 20:37
ސްރީ ލަންކާ ފުލުހުންގެ ވެރިޔާ ފުލުހުންގެ ސުލޫކާ ހިލާފުވެ، ކުށްވެރިންގެ ނެޓްވޯކެއް ހިންގާކަން، ގާނޫނު ހަދާ މަޖިލީހުގެ އިންކުއަރީއަކުން ސާބިތުވާތީ އޭނާ މަގާމުން ވަކިކުރަން ނިންމާފައިވާކަން، މަޖިލީހުގެ ރައީސް މިއަދު އިއުލާނުކުރައްވައިފި އެވެ.
މި ނިންމުމާ އެކު އިންސްޕެކްޓާ ޖެނެރަލް ދޭޝާބަންޑޫ ޓެންނަކޫން ވާނީ 85،000 މީހުން އުޅޭ ފުލުހުންގެ އިދާރާގެ އިސްވެރިއަކު މަގާމަށް އެކަށީގެންނުވާ ކަމަކަށް ކަނޑައަޅައި ލަންކާގައި ވަކިކުރާ ފުރަތަމަ ފަހަރަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖަގަތު ވިކްރަމަރަތުނޭ ވިދާޅުވީ ޓެނަކޫންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ސާބިތުވާ ކަމަށް ތިން މެމްބަރުންގެ ކޮމިޓީގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ދުސްތޫރީ ތާރީހުގައި ފާހަގަކޮށްލެވޭ ނިންމުމެއް - މިއީ ލަފާދޭ ކޮމިޓީއަކުން ހޯދި ހޯދުންތަކަށް ފަހު ހުށަހެޅި ކަންކަމަށް ބަލައި އިންސްޕެކްޓަަ ޖެނެރަލް އޮފް ޕޮލިސް މަގާމުން ވަކިކުރާ ފުރަތަމަ ފަހަރު."
ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ސަރުކާރަށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު އޮންނަ 225 މެމްބަރުންގެ މަޖިލީހުން ފަސޭހަކަމާ އެކު މި ހުށަހެޅުމަށް ފާސްވާނެ ކަމަށް ބެލެވެ އެވެ.
ފުލުހުންގެ ވެރިޔާގެ މަގާމަށް ނޮވެމްބަރު 2023 ގައި ޓެނަކޫން ހަމަޖެއްސި އިރު ވެސް އޭނާ އަކީ ބަންދުގައި ހުރި ފިރިހެނެއްގެ ކުރިމަތީފަރާތުގައި އާވި ގަދަ ބާމެއް އުނގުޅައި ޖިންސީ އަނިޔާކުރިކަން ސުޕްރީމް ކޯޓުގެ އެހެން މައްސަލައެއްގައި ސާބިތުވެފައިވާ މީހެކެވެ. އަނިޔާ ލިބުނު މީހާއަށް ބައި މިލިއަން ރުޕީސް (1،600 ޑޮލަރު) ދެއްކުމަށް ޓެނަކޫންގެ މައްޗަށް ކޯޓުން ހުކުމް ކުރި ނަމަވެސް، އޭރުގެ ސަރުކާރުން ވަނީ ހުކުމަށް ތަބާ ނުވެ، ސުލޫކީ ފިޔަވަޅު އެޅުމަށް އިންކާރުކޮށްފަ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، އައްސޭރިފަށުގެ ރިސޯޓެއް ކަމަށްވާ ވެލިގަމާގައި ފުލުހުންގެ "ވާދަވެރި" ދެ ޔުނިޓެއްގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި އޮފިސަރަކު މަރުވި ހާދިސާ އަކީ ވެސް ޓެނަކޫންގެ އޯޑަރަށް ހިންގި އަމަލެއް ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.
މައްސަލަ ބެލި މަޖިލީހުންގެ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ޑަބްލިޔު15 ހޮޓެލްގައި ހިނގި ބަޑިޖެހުމުގެ "ސުވާލު އުފެދޭ ހާދިސާ" މެދުވެރިވީ ޓެނަކޫންގެ އޯޑަރުގެ ސަބަބުން ކަމަށެވެ. އެއީ ހޮޓަލުގެ ވެރިޔާއަށް ބިރު ދެއްކުމަށް ޓެނަކޫން ފޮނުވި ފުލުހުންގެ ބަޔަކާ ދިމާލަށް ފުލުހުންގެ އެހެން ޔުނިޓަކުން ބަޑިޖެހި ހާދިސާއެކެވެ.
މި މައްސަލައިގައި ޓެނަކޫން ތަހުގީގަށް ހާޒިރުކުރަން ހައްޔަރުކުރުމުގެ އަމުރެއް ވެސް މި އަހަރު ކުރީކޮޅު ނެރުނެވެ. އެ އަމުރާ އެކު އޭނާ ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ހަވާލުވި ހާޒިރުވި އެވެ.
ދައުލަތުގެ ވަކީލަކު ކޮމިޓީއަށް ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ ވެރިޔާ އަކީ "ކްރިމިނަލް ނެޓްވޯކް" ހިންގާ މީހެކެވެ. އަދި އެއީ ފުލުހުންގެ އެންމެ ދަށް ރޭންކަށް ވެސް އެކަށީގެންވާ މީހެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމިޓީގެ ރިޕޯޓުގައި ވަނީ ފުލުހުންގެ އެންމެ ވެރިޔާގެ ގޮތުގައި ޓެނަކޫން ހުންނަ ނަމަ ލަންކާ ފުލުހުންގެ އިތުބާރު ގެއްލޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނރުޓޭ
23 July 2025
ރާއްޖޭގަވެސް މި ޒާތުގެ ކަންކަން ފުލުހުންގެ ތެރޭގައި ހިނގާ ކަމަށް ވަނީ އިނގޭތޯ؟
ވެދުންދަންނަވާ
22 July 2025
ސަޅި ވަރަށް. ތީ މިގައުމުގަ ނަމަ އޭނާއަށް ލިބޭނީ ހޯމް މިނިސްޓަރުކަން