އިޒްރޭލުން ޣައްޒާގެ ހަމަލާތައް ހުއްޓާނުލައި އިތުރަށް ފުޅާކުރުމާ ދެކޮޅަށް ތެލް އަވީވްގައި މިދިޔަ ހަފްތާގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
12 އޯގަސްޓް 2025 - 14:40
ހަމާސް އިން އަސީރުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމުގައި ސަރުކާރުން ފެއިލްވެފައިވާތީ އެކަމާ ދެކޮޅުހަދައި، އަސީރުންނާ އެކުގައި ތިބިކަން ދެއްކުމަށް އާދީއްތަ ދުވަހު އިޒްރޭލުގައި ބޮޑު މުޒާހަރާއެއް ކުރަން ނިންމައި އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ވެސް މުޒާހަރާއަށް ތާއީދުކޮށްފި އެވެ.
"އާދީއްތަ ދުވަހު މުޒާހަރާ" ކަމަށް ބުނެ ލަޕިޑް އެކްސްގައި ކުރި ޕޯސްޓެއްގައި މި މުޒާހަރާގައި ސަރުކާރުގެ ސަޕޯޓަރުން ވެސް ބައިވެރިވާން ވަނީ ގޮވާލައިފަ އެވެ.
އާދީއްތަ ދުވަހަކީ އިޒްރޭލުގައި ހަފްތާ ބަންދު ނިމި މަސައްކަތް ފަށާ ދުވަހެވެ.
"އެއްބައިވަންތަކަމުގެ ގޮތުން މުޒާހަރާއަށް ނުކުންނަންވީ. އާއިލާތަކުން މިކަމަށް އެދުމަކީ ވެސް މިކަން ކުރަންޖެހޭ ސަބަބެއް ...،" އިދިކޮޅު ލީޑަރު ބުނެފައިވެ އެވެ.
ސަރުކާރަށް ދިން ހަމަލާއެއްގެ ގޮތުގައި އޭނާ ވަނީ ޔަހޫދީންގެ އިހްސާސްތައް ވަކި ބަޔަކު ބޭނުންވާ ގޮތަށް ނުބެހެއްޓޭނެ ކަމަށް ވެސް ބުނެފަ އެވެ.
މުޒާހަރާއަށް ނުކުންނަށް ލަޕިޑް ގޮވާލީ ޣައްޒާގައި އަދިވެސް ފަލަސްތީނުގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލު މީހުންގެ އާއިލާތަކުން ވިއްސަކަށް މީހަކު އާދީއްތަ ދުވަހު އެކަމަށް އެދިފައި ވަނިކޮށެވެ. އޭގެ އަނެއް ދުވަހު ރަހީނުންނާއި ގެއްލިފައިވާ މީހުންގެ އާއިލާތަކުގެ ޖަމިއްޔާ، ހޮސްޓެޖަސް އެންޑް މިސިން ފެމިލީސް ފޯރަމް، އިން ވަނީ މި ގޮވާލުމަށް ތާއީދުކޮށްފަ އެވެ.
އިޒްރޭލުގެ މައި ޓްރޭޑް ޔޫނިއަން ފެޑެރޭޝަން، ހިސްޓަޑްރޫޓްގެ ލީޑަރުން މުޒާހަރާގައި ބައިވެރިވުމަށް އެދުމުން އެ ޔުނިއަނުން ވަނީ އެ ގޮވާލުމަށް ދެކޮޅުހަދައިފަ އެވެ.
ހޮސްޓެޖަސް އެންޑް މިސިން ފެމިލީސް ފޯރަމުން ބުނީ ރަހީނުންނަށްޓަކައި "މަގުތަކަށް ނުކުންނަންވީ ވަގުތު ޖެހިއްޖެ" ކަމަށެވެ.
އިޒްރޭލު ސަރުކާރުން ޣައްޒާގެ ހިފަން ނިންމި ނިންމުމަކީ ބާކީ ތިބި ރަހީނުން ގުރުބާންކުރުން ކަމަށާއި މިއީ އަމާޒެއް އަދި ނިމުމެއް ނެތް ހަނގުރާމައަކަށް ހަދަމުން ގެންދާ ކަމަށް ވެސް އެ ފޯރަމުން ބުންޏެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގައި އަސީރުކުރި 251 މީހުންގެ ތެރެއިން 49 މީހުން އަދިވެސް ޣައްޒާގައި އެބަ ގެންގުޅޭ ކަމަށާއި އޭގެ ތެރެއިން 27 މީހަކު މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy