ޣައްޒާގައި މީހުން ބަނޑަށް މަރުވަމުން ދާއިރު ވެސް ހަނގުރާމަ ފުޅާކުރާ މައްސަލައިގައި ތެލް އަވީވްގައި މުޒާހަރާކުރަނީ: އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާ ހުސްކުރުމުގެ ވާހަކަ އަނެއްކާވެސް ދައްކާފައި. -- ފޮޓޯ: އޭއެފްޕީ
13 އޯގަސްޓް 2025 - 08:52
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އެއްކޮށް ހިފަން މަސައްކަތްކުރަމުން ދާއިރު އެތަނުގެ ރައްޔިތުން ނެރުމުގެ ވާހަކަ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ދައްކައިފި އެވެ.
ޣައްޒާ ހުސްކުރުމަށް ފަހު އަލުން ތަރައްގީކުރުމުގެ ވާހަކަ މީގެ ކުރިން ދެއްކުމާ އެކު ގައުމުތަކުގެ ނުރުހުން އަމާޒުވެފައި ވިޔަސް ނަތަންޔާހޫ "އައި24ނިއުސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އިޒްރޭލުން ޣައްޒާގެ އާންމުން "ނުނެރޭނެ" ކަމަށާއި އެކަމަކު އެ މީހުން "އަމިއްލައަށް ދާން ފުރުސަތު ދޭނީ" ކަމަށެވެ.
"އެންމެ ފުރަތަމަ މި ފުރުސަތު ދޭނީ ހަނގުރާމަކުރާ ސަރަހައްދުތަކުން. އަދި ފަހުން ޖުމްލަކޮށް ހުރިހާ ބިމަކުން،" ސީރިއާ، ޔުކްރެއިން އަދި އަފްޣާނިސްތާނު ހަނގުރާމާގައި ވެސް ރެފިއުޖީންގެ ގޮތުގައި ގިނަ ބަޔަކު ނުކުމެގެން ދިއުމާ ފަލަސްތީނާ އަޅާކިޔަމުން ނަތަންޔާހޫ ބުންޏެވެ.
ޣައްޒާގައި އިޒްރޭލުން އޮންނަނީ ބޯޑަރު އެއްކޮށް ބަންދުކޮށްފަ އެވެ. އެހެންވެ އެ ބިމުން ނުކުމެގެން ދެވޭނެ ގޮތެއް ވެސް ނޯވެ އެވެ.
"މި ފުރުސަތު ދޭނަން. ފުރަތަމަ، ޣައްޒާގައި ހަނގުރާމަ ކުރާއިރު ސަރަހައްދުތަކުން. ދެން ހަމަ ޔަގީނުން ވެސް މުޅި ޣައްޒާއިން ނުކުންނަށް ވެސް އެ ފުރުސަތު ދޭނަން،" ނަތަންޔާހޫ ބުންޏެވެ.
ޣައްޒާއިން މީހުން ނެރުމުގެ ކޮންމެ ވާހަކައަކާ އެކު، އިޒްރޭލު އުފެއްދުމަށް 1948 ވަނަ އަހަރު ފަލަސްތީނުގެ ބިންތަކުން އަނިޔާވެރިކަމާ އެކު މީހުން ނެރެ އެތައް ބަޔަކު ޝަހީދުކުރި "ނަކްބާ" ގެ ހަނދާންތައް ފަލަސްތީނު މީހުންނަށް އާވެ އެވެ. އިޒްރޭލުން އަނެއްކާވެސް ހިންގަން މި އުޅެނީ އެފަދަ ނުބައި ޖަރީމާއެއް ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.
ޣައްޒާއިން މީހުން ނެރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭނާ ވަނީ ޣައްޒާގެ އެންމެން މިސްރާއި އުރުދުންއަށް ގެންގޮސް ޣައްޒާ އަކީ ހިތްގައިމު ރިސޯޓަކަށް ހަދާނީ ކަމަށް ބުނެފަ އެވެ. އެ ހިޔާލަށް ނަތަންޔާހޫ ތާއީދުކޮށް، އެކަން ތަންފީޒުކުރާނެ ކަމަށް ގެންދަނީ ބުނަމުންނެވެ.
ޣައްޒާއިން މީހުން ހުސްކުރުމުގެ ވާހަކަ ދައްކާއިރު 22 މަސް ދުވަސްވީ ހަމަލާތައް ހުއްޓާލައި ޣައްޒާއަށް ކާބޯތަކެތި ލިބޭނެ މަގުތައް ހުޅުވަން ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. މިދިޔަ މުއްދަތުގައި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 60،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައި ވާއިރު މިހާރު ދަނީ ހައިހޫނު ކަމުގެ ސަބަބުން ވެސް އެތައް ބަޔަކު މަރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް /
13 August 2025
ނަތަންޔާހޫ "ބުންޏެވެ." މިހާރު އެބަ ރަނގަޅުވޭ.