އިޒްރޭލުގެ ހަމަލާތަކުގައި ސުންނާފަތިކޮށްފައިވާ ޣައްޒާ ސިޓީގެ ތުއްފާހް އަވަށުގައި މި މަހުގެ 14 ވަނަ ދުވަހު ކުޑަކުއްޖަކު، ފުރޮޅުލީ ގޮނޑިއެއް ދަމާފައި ގެންނަނީ: ހަމަލާތަކުގައި ޣައްޒާއަށް ބިމާ ހަމަވެފައި ވާއިރު މުޅި ޣައްޒާ އޮތީ ބަނޑަށްޖެހި ވަރަށް ދަތި ހާލުގައި. -- ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2025 - 22:27
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މީގެ 22 މަސް ދުވަސް ކުރިން ފެށިގެން ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެންމެ ފަހުން ހުށަހެޅި ކަންކަމަށް ހަމާސްގެ ފަރާތުން އެއްބަސްވެފައިވާ ކަމަށް އެ ޖަމާއަތުގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.
މިސްރާއި ގަތަރު، އެމެރިކާގެ ބައިވެރިވުމާ އެކު މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން ދާއިމީ ގޮތުގައި ހަމަލާތައް ހުއްޓާލެވޭނެ ގޮތެއް ނުވެ އެވެ. ހަމަލާތައް ދެ ވަނަ އަހަރަކާ ގާތަށް ގޮސްފައި ވާއިރު މުޅި ޣައްޒާ އަޅިއަށްވެ ކާބޯތަކެތި ހުސްވެ މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބައްސާމް ނައީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުގެ ފަރާތުން ލިބުނު އާ ހުށަހެޅުމަށް ހަމާސް އެއްބަސްވެފައިވާ ކަމަށެވެ.
"މި ހަރަކާތުން ވާނީ އާ ހުށަހެޅުމަށް އެއްބަސްވެ ޖަވާބު ދީފައި. އަޅުގަނޑުމެންގެ ރައްޔިތުން އަނދަމުންދާ ހަނގުރާމައިގެ އަލިފާން ނިވޭތޯ ދުއާކުރަން،" ނައީމް ލިޔުއްވާފައިވެ އެވެ.
އޭނާ މިކަން އިއުލާނުކުރެއްވުމުގެ ކުރިން ވެސް ހަމާސްގެ އޮފިޝަލަކު ވަނީ ހުށަހެޅުމަށް އެއްވެސް ބަދަލެއް ނުގެނެސް ގަބޫލުކޮށްފައިވާ ކަމަށް އޭއެފްޕީއަށް ވިދާޅުވެފަ އެވެ.
މި މަޝްވަރާތަކާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ، ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ ހަމާސްއިން ހުށަހެޅުމަށް އެއްބަސްވިކަން މެދުވެރިންގެ ފަރާތުން އިއުލާނުކުރާނެ ކަމަށެވެ. އަދި ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް އަލުން ފަށާނެ ތާރީހެއް ކަނޑައަޅައި އެކަން ވެސް އިއުލާނުކުރާނެ ކަމަށެވެ. މީގެ އިތުރުން އެ އޮފިޝަލް ވިދާޅުވީ އެއްބަސްވުން ތަންފީޒުކުރުމަށާއި ދެމެހެއްޓެނިވި ހައްލެއް ހޯދާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވާ ކަމަށެވެ.
މިސްރު ސަރުކާރާ ގުޅުން ހުރި މީޑިއާއެއް ކަމަށްވާ އަލް ގަހެރާއިން ބުނި ގޮތުގައި މި ހުށަހެޅުުމުގައި ވަނީ 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމަށް ފަހު އިޒްރޭލުގެ ރަހީނުންނާއި ފަލަސްތީނުގެ ގައިދީން ބައިބަޔަށް ދޫކުރަމުން ގެންދިއުމާއި ޣައްޒާއަށް އެހީގެ ސާމާނު ވައްދަން ފެށުން ކަމަށެވެ.
މި ހުށަހެޅުން އައިސްފައި މި ވަނީ ޣައްޒާ އެއްކޮށް ހިފައި އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދަން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމައި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.
އިޒްރޭލަށް އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި ގިނަ ބަޔަކު ރަހީނުކުރުމާ އެކު ޣައްޒާއަށް މިފަހަރު ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 61،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
19 August 2025
ރަނގަޅު އެންމެ އެދެވޭގޮތް ނޫނަސް ހަނގުރާމަ ހުއްޓާލާފަ ހޮސްޓެޖުން ދޫކޮށްލީމަ ދެން ނަތަންޔާހޫއަކަށް މީހުން މެރުމަށް ދައްކާނެ ހުއްޖަތެއް ނޯންނާނެ. މިހާރު ހޮސްޓެޖުން ސަލާމަތްކުރުމުގެ ނިވާފަތްގަނޑުގައި ކުރާކަމަކީ މުޅި ގާޒާ ހިސޯރުކޮށް މީހުން މެރުން. ވެސްޓް ބޭންކްގައި މީހުން މަރަނީ ހަމާސްއާ ހެދިއެއްނޫން