އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން ހަލާކުވެފައިވާ އިމާރާތްތަކެއްގެ ތެރެއިން ކުދިންތަކެއް ހިނގާފައި ދަނީ: ހަމަލާތަކަށް 22 މަސް ދުވަސް ވީއިރު ޣައްާ އޮތީ ބިމާ ހަމަވެފައި. -- ފޮޓޯ: އޭއެފްޕީ
20 އޯގަސްޓް 2025 - 05:52
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ގޮތުން ހުށަހަޅާފައިވާ ކަންކަމަށް ހަމާސް އިން އެއްބަސްވުމާ އެކު، ހުރިހާ އަސީރުން މިނިވަންކުރާ އެއްބަސްވުމެއް ނޫނީ ބޭނުން ނުވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
ހަމާސް އަށް ގަތަރާއި މިސްރުން ހުށަހެޅި ކަންކަމަށް އެ ޖަމާއަތުން އެއްބަސްވުމާ އެކު އެ ހުށަހެޅުން ވަނީ އިޒްރޭލަށް ވެސް ދީފަ އެވެ. އިޒްރޭލުން އެ ހުށަހެޅުމަށް ރަސްމީ ޖަވާބެއް އަދި ނުދިން ނަމަވެސް އިޒްރޭލު ސަރުކާރުގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ބުނީ އިޒްރޭލުގެ ސްޓޭންޑް ބަދަލު ނުވާ ކަމަށާއި ކުރިމަގުގައި ކޮންމެ އެއްބަސްވުމެއް ހެދި ނަމަވެސް އެއީ ފަލަސްތީނުގެ ޖަމާއަތްތަކުން އަސީރުކޮށްފައިވާ އިޒްރޭލު އެންމެން މިނިވަންވާނެ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށެވެ.
މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގަތަރާއި މިސްރުން އިޒްރޭލުގެ ޖަވާބަކަށް އިންތިޒާރުކުރަމުން އަންނައިރު ގަތަރުން ބުނެފައިވަނީ ހަމަލާތައް މެދުކަނޑާލުމުގެ ހުށަހެޅުން ކާމިޔާބުވާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއް އެބަ އޮތް ކަމަށެވެ. ގަތަރުން ބުނި ގޮތުގައި ހަމާސް އިން އެއްބަސްވި ހުށަހެޅުމަކީ މީގެ ކުރިން އިޒްރޭލުން އެއްބަސްވި ހުށަހެޅުމާ ގާތްގަނޑަކަށް ހަމަ އެކައްޗެއް ކަމަށެވެ.
މީގެ 22 މަސް ދުވަސްކުރިން ފެށިގެން ޣައްޒާއަށް ހަމަލާ ދެމުން ގެންދާއިރު މެދުވެރިންގެ މަސައްކަތުން ދެ ފަހަރެއްގެ މަތިން ވަނީ ހަމަލާތައް މެދުކަނޑާލައިފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އިޒްރޭލުގެ ޖަލުތަކުން ގިނަ އަދަދެއްގެ ފަލަސްތީނު މީހުން މިނިވަންކޮށްފައި ވާއިރު ހަމާސް އިން އަސީރުކޮށްފައިވާ އިޒްރޭލު ބައެއް މީހުން ވެސް ދޫކޮށްލާފައިވެ އެވެ.
ނަމަވެސް މިއިން އެއްވެސް އެއްބަސްވުމަކުން، ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ ގޮތެއް ނުވެ ވަނީ ނާކާމިޔާބުވެފަ އެވެ.
ހަމަލާތައް ދިގުލައި ޣައްޒާގެ ހިސާރު ވެސް އިޒްރޭލުން ވަރުގަދަކުރުމާ އެކު ޣައްޒާ މިހާރު އޮތީ ބަނޑަށްޖެހިފަ އެވެ. ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވެސް ވަނީ 61،000 އިން މަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަބޯ
20 August 2025
ހަމާސް އިން އަސީރުން ދޫކޮށްދިޔާ ދެން ނުބަލާނެ ޖީލް އެއްކޮށް ނެތިކޮއްފާނެ ޔަހޫދީންނަކީ ދޮގުހަދާ މަކަރުވެރި ބައެއް ބުނާ ބަހުގެ އިތުބާރެއް ނޯންނާނެ ބައެއް ގޮއްއަލިވާ ހިސާބުގައި ދައްކަންނުނާނެއެވެ
ރަނގަޅުވާހަކައެއް
20 August 2025
ތިއީ ރަނގަޅު ވާހަކައެއް. އެކަމަކު ހަމާސްއިން ހުރިހާ އަސީރުން ދޫކޮއްލައިފިނަމަ އިޒްރޭލު ސަރުކާރު ދުނިޔޭގެ ކުރިމަތީ އިތުރައްބަރަހަނާވާނެ. އޭރުން އެމީހުން އުޒުރައްހަދައިގެން ދައްކާ ހުރިހާކަމެއްބަދަލުވީ.