އިޒްރޭލުން ޣައްޒާގެ އިމާރާތަކަށް ހަމަލާ ދިނުމާ އެކު އަރަން ފެށި ހިރަފުހާއި ދުމުން ސަލާމަތްވާން އާންމުން މަސައްކަތްކުރަނީ: އިޒްރޭލުން ބުނަނީ ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމަކީ ގޯހަކަށް ނޫނީ ނުވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
07 ސެޕްޓެމްބަރ 2025 - 21:29
ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ގައުމުތަކުން ނިންމަމުން ދިއުމަކީ ހެދޭ ގޯހެއް ކަމަށް ސިފަކޮށް އެކަމުގެ ރައްދުގައި އިޒްރޭލުން ވެސް އަމިއްލަ ނިންމުންތަކެއް ނިންމަފާނެ ކަމުގެ އިންޒާރު ޔަހޫދީ ދައުލަތުގެ ފޮރިން މިނިސްޓަރު މިއަދު ދީފި އެވެ.
ފޮރިން މިނިސްޓަރު ގިޑިއޯން ސާރް މި އިންޒާރު ދީފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އިޒްރޭލުގެ ތަނެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފި ކަމުގެ ރިޕޯޓްތައް ވެސް އާންމުވެފައި ވަނިކޮށެވެ.
އިޒްރޭލުން ރުޅިގަދަވެގެން އުޅެނީ ފްރާންސާއި އިނގިރޭސި ވިލާތް ވެސް ހިމެނޭ ގޮތަށް އެތައް ގައުމަކުން މި މަހު އދ.ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައި ވާތީ އެވެ. އަދި ވަކިން ހާއްސަކޮށް، ފަލަސްތީނަށް ދައުލަތެއް އުފެއްދުމުގެ މަސައްކަތާ ގުޅޭ ކޮންފަރެންސެއް ސައޫދީ އަރަބިއްޔާއާ ބައިވެރިވެރިވެގެން ފްރާންސުން ޖުލައި މަހު ބޭއްވުމާ އެކު ފްރާންސްގެ ބޮޑުވަޒީރު އެމެނުއެލް މެކްރޮންއާ ވަނީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
"... އަދި އެކަމާ ގުޅިގެން އިޒްރޭލުން ވެސް އަމިއްލައަށް ނިންމުންތައް ނިންމަން ޖެހިދާނެ،" އިޒްރޭލަށް ވަޑައިގެން އުޅުއްވާ ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކްކޭ ރަސްމުސެންއާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސާރް ބުންޏެވެ.
"ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ބާރުއަޅަމުންދާ ފްރާންސާއި ޔޫކޭ ފަދަ ގައުމުތަކުން ހަދަމުން އެ ދަނީ ވަރަށް ބޮޑު ގޯހެއް."
އިޒްރޭލުން އަޅާނެ ވަކި ފިޔަވަޅެއް ނުބުންޏަސް ސާރް ވަނީ ފަލަސްތީނުގެ ދައުލަތެއް އިއުލާނުކުރުމުން ސަރަހައްދުގައި ހަމަނުޖެހުން އިތުރުވާނެ ކަމަށް ބުނެފަ އެވެ.
ޑެންމާކުގެ ފޮރިން މިނިސްޓަރު މި ޕްރެސްގައި ވަނީ އެ ގައުމުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައި ނުވާ ކަމަށް ބުނެފަ އެވެ.
"ހަމާސް ނުވަތަ ޓެރަރިސްޓު އެހެން ޖަމާއަތެއް ވެރިކަންކުރާ ފަލަސްތީނުގެ ދައުލަތެއް އަހަރެމެން ދުވަހަކު ވެސް ބަލައެއް ނުގަންނާނަން،" އޭނާ ބުންޏެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަނެވޭނީ އެއީ ހަތިޔާރެއް ނެތް، ހާމަކަން ބޮޑު، ޑިމޮކްސީ އޮތް ދައުލަތަކަށް ވެގެން ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy