އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: ފަލަސްތީނުގެ ދައުލަތެއް އުފެދުނަ ނުދޭނެ ކަމަށާއި އެއީ އިޒްރޭލުގެ ބިން ކަމަށް ބުނެ އޭނާ ވަނީ ގަދަ ބަސް ބުނެފައި. -- ފޮޓޯ: އޭއެފްޕީ
12 ސެޕްޓެމްބަރ 2025 - 13:47
ފަލަސްތީނުގެ ދައުލަތެއް އުފެދުނަ ނުދޭނެ ކަމަށް، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމުގެ ރަސްމިއްޔާތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނެފި އެވެ.
"ފަލަސްތީނުގެ ދައުލަތެއް އުފެދުނު ނުދޭނެ ކަމުގެ ވައުދު އަހަރެމެން ފުއްދާނަން. މިއީ އަހަރެމެންގެ ބިމެއް،" ގުދުސްގެ އިރުމަތީ ފަރާތުން ޖެހިގެން އޮންނަ މައާލީ އަދުމީމްގައި ޔަހޫދީން އާބާދުކުރަން ފެށުމުގެ ރަސްމިއްޔާތުގައި ނަތަންޔާހޫ ބުންޏެވެ.
އޭނާ ބުނީ އެ ސިޓީގައި އާބާދީ ދެ ގުނަ ބޮޑުކުރާނެ ކަމަށާއި ޔަހޫދީންގެ ތާރީހާއި ސަގާފަތް ދިރުވައި ޔަހޫދީންނަށް ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށެވެ.
ޔަހޫދީން އާބާދުކުރަން ހުޅަނގު އައްސޭރީގައި 12 އަކަ ކިލޯމީޓަރު (ފަސް އަކަ މޭލު) ގެ ސަރަހައްދެއް ތަރައްގީކުރަން އިޒްރޭލުން ރާވައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު ބައިނަލްއަގުވާމީ ޕްރެޝަރާ ހެދި އެކަން ކުރިއަށް ނުގެންދެވި އޮތީ އެވެ.
އާބާދުކުރަން ނިންމާފައިވާ ސަރަހައްދު އޮންނަނީ ގުދުސް އާއި ޔަހޫދީންގެ އާބާދެއް ކަމަށްވާ މައާލީ އަދުމީމް، ފަލަސްތީނުގެ އުތުރާއި ދެކުނުން ގުޅުވައިދޭ މަގުތަކުގެ ތެރެއިންދާ ގޮތަށެވެ.
އިޒްރޭލުގެ ހަރުކަށި ކަނާތު ފިޔައިގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ އެ ބިމުގައި 3،400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ޕްލޭނަށް ތާއީދުކޮށްފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މި ޕްލޭންގެ ސަބަބުން ހުޅަނގު އައްސޭރި ބައިވެ، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހުރަސްއެޅޭނެ ކަމަށެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރިން ހިފައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ހުރިހާ ސަރަހައްދުތަކަކީ، އިޒްރޭލުގެ ޕްލޭނިން އެޕްރޫވަލް އޮތް ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަނެވެ.
ފަލަސްތީނުގެ ދައުލަތެއް ބަލައިގަނެ އދ. ގެ އާންމު މަޖިލީހުގައި އެކަން އިއުލާނުކުރުމަށް އިނގިރޭސި ވިލާތާއި ފްރާންސް ފަދަ ނުފޫޒު ގަދަ އެތައް ގައުމަކުން މަސައްކަތްކުރަމުން އަންނަ އިޒްރޭލުން ގެންދަނީ އެކަމާ ދެކޮޅުހަދަމުންނެވެ. އަދި ފަލަސްތީނުގެ ދައުލަތް އިއުލާނުކޮށްފި ނަމަ އިޒްރޭލުން ވެސް އަމިއްލައަށް ކަންކަން ނިންމާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙް:
13 September 2025
މުސްލިމުންގެ ލޭބޯ ފުރޭތަޔާއެވެ. ތިޔަވަރަށް ބޮޑިގާޑުން ލައިގެން ، ކިހާދުވަހަކު ދުނިޔޭގައި އުޅޭނަމޭހިތާ ތިޔަ އުޅެނީ؟
raajje
12 September 2025
ގަދަބަސްބުންޏަސް ވަގުތުޖެހުމާއެކު ޖެހޭނީހަމަ ދާން، މިހާރު އުމުރުން 70އިންމަތީގަ، ހިނގަމުންމިދާކަންކަމުން ހާމަވާއެންމެ މުހިންމުއެއްކަމަކީ އިސްލާމީގައުމުތައް އެކަތިގަނޑަކަށްވެ ހުރިހާގޮތަކުންވެސް ހާއްސަކޮށް މިލިޓުރީ ބާރުވެރިކަންހޯދަންޖެހިފައިވާކަން، "އެމީހަކުކުރިކަމެއް އެމީހަކަށޭ" ކިޔާ ކަމުންރެކިކަންފަސޭހަކޮށްލައިގެން ތިބެވޭކަށްނެތް! 5ވަގުތުނަމާދުކުރުމަކުން ނުފުދޭދޯ؟ ދުނިޔޭގަވެސްއުޅެންޖެހޭ، ދުނިޔެއާ އާޚިރަތްހޯދަންޖެހޭ
ޓުރަމްޕު
13 September 2025
ތިބުނީ ނަތައްންޔާހޫ މަރުވީމަ ދެން އިސްރާއިލްގަ މިހާރުގެ ފިކުރަށް ވެރިކަން ކުރާނެ މީހަކު ނުހުންނާނެއޭތަ؟
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
12 September 2025
ޔަހޫދީން ބޭނުން ވިޔަސް ނުވިޔަސް ވަރަށް އަވަހަށް ފަލަސްތީނުގެ ދައުލަތް ހަޤީޤަތަކަށް ވާނެ. އެހެން ނޫންނަމަ ދުވަހަކުވެސް އިޒްރޭލަކަށް ސަލާމަތަކުން ނޯވެވޭނެ
ޑެނީ
12 September 2025
ފަލަސްތީނުގެ ދައުލަތް އިއުލާނުކޮށްފި ނަމަ އިޒްރޭލުން ވެސް އަމިއްލައަށް ކަންކަން ނިންމާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. -- އޭއެފްޕީ މިހާރު ކުރާކަމެއް ކުރަނީ ބަޔަކާ މަސްވަރާ ކޮށްގެންތަ؟ މިހާރުވެސް ޤާނޫނަކަށް ގަވައިދަކަށް ބަލާބައެއްތަތީ
މުލޭ
12 September 2025
ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފޭ ކިޔަކިޔާ ތިބުން ނޫންގޮތެއް އީޔޫއައި އެމެރިކާއާއި އދ އަކަަށް ވެސް ނެތީތަ. އިސްލާމީ ގައުމަކުން މިމީހުން ހިތްނުރުހޭ ކަމެއް ކޮށްފިނަމަ އެއްބުރުން ތަޅާ ތިރިއަރުވާލާނެ. މިކަމުން އެނގެނީ މިއީ މިމީހުންގެ ރުހުމާއެކު ނަތަންޔާހޫ ކުރާ ކަމެއްކަން.