ނޭޕާލްގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް އައްޔަންކުރި ސުޝިލާ ކަރްކީ (ކ) އިއްޔެ މަގާމުގެ ހުވާކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
13 ސެޕްޓެމްބަރ 2025 - 12:34
ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލުގައި ޒުވާނުން ކުރި ނުރައްކާތެރި މުޒާހަރާތަކާ އެކު ބޮޑުވަޒީރުކަމުގެ މަގާމުން ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ އިއްޔެ ވަގުތީ ގޮތުން ސަރުކާރާ ހަވާލުވެ މަގާމުގެ ހުވާކުރެއްވުމާ އެކު ގައުމުގެ ހަލަބޮލިކަން ކުޑަވާން ފަށައިފި އެވެ.
ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސުޝިލާ، 73، އިއްޔެ މަގާމުގެ ހުވާކުރައްވާފައި ވާއިރު ސިފައިން ވަނީ ކާފިއުތަކަށް ލުއި ދީ، މަގުތަކުން ސިފައިންނާއި ފުލުހުން މަދުކޮށްފަ އެވެ. އާންމުން ވެސް ކުރީގެ ދިރިއުޅުމަށް އެނބުރި ދާން ފަށައި ފިހާރަތަކާއި އޮފީސްތައް ވަނީ ހުޅުވަން ފަށައިފަ އެވެ.
ނޭޕާލުގައި ސޯޝަލް މީޑިއާ މަނާކުރުމާ އެކު މުޒާހަރާތައް ފެށުނަސް ކޮރަޕްޝަނާ ދެކޮޅު މުޒާހަރާއަކަށް ބަދަލުވެ ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ގާނޫނުހަދާ މަޖިލީހާއި ސިޔާސީ ބައެއް ބޭފުޅުންގެ ގެދޮރުގައި ވަނީ ހުޅުޖަހައިފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 51 މީހަކު ވަނީ މަރުވެފަ އެވެ.
ނޭޕާލުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ސިފައިން މަގުމަތީގައި ފޯރިމަރަނީ: މިހާރު ވަނީ ގައުމު އާންމު ހާލަތަށް ބަދަލުވާން ފަށާފައި. -- ފޮޓޯ: އޭއެފްޕީ
މިއީ އެތައް އަހަރެއްވީ ދާހިލީ ހަނގުރާމައަށް ފަހު 2008 ވަނަ އަހަރު ރަސްކަން އުވާލި ފަހުން ނޭޕާލްގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.
ކޮރަޕްޝަނުން ސަލާމަތްވެފައިވާ ސަރުކާރެއް އުފެއްދުމުގެ ޒިންމާ މަތިކޮށް ސުޝިލާއާ ވަގުތީ ގޮތުން ވެރިކަން ހަވާލުކޮށްފައި ވާއިރު މިހާރު ވަނީ ގާނޫނުހަދާ މަޖިލިސް ވެސް އުވާލައިފަ އެވެ. އަދި މިހާރު ވަނީ މާޗް 5، 2026 ގައި އިންތިހާބު ބާއްވަން އިއުލާނުކޮށްފަ އެވެ.
މި ނިންމުންތަކަށް ފަހު މިއަދު ފެށުނު އިރު މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ހަމައަކަށް އެޅި، މާރުކޭޓުތައް ހުޅުވައި ޓްރެފިކް ވެސް ވަނީ ބާރު ބޮޑުވެފަ އެވެ. އަދި އާއިލާތައް އެކުގައި އެކި ތަންތަން ގޮސް އުޅުނެވެ.
ބޮޑުވަޒީރުކަމަށް އައްޔަންކުރި ކަރްކީ އަކީ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި އިރު ވެސް އޭނާގެ މިނިވަންކަމާ މެދު އާންމުންގެ އިތުބާރު ބޮޑު ފަނޑިޔާރެކެވެ. ވަގުތީ ސަރުކާރު އޭނާއާ ހަވާލުކުރަން ނިންމީ މުޒާހަރާތައް ރޭވި ޒުވާނުންނާއި އަސްކަރީ ލީޑަރުންނާ މެދު ވަރަށް ފުޅާ ދާއިރާއެއްގައި ކުރި މަޝްވަރާތަކަށް ފަހުގަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅި އަލީ
13 September 2025
ދެންވެސް ޓިކްޓޮކާ ނުބެހޭތި!
ދުރުމި1
13 September 2025
ތިންވަނަ ދުނިޔޭގެ ގައުމުތަކުަގއި ބަރުލަމާނީ ނިޒާން ދުވަހަކުވެސް ޕްރެޓިކަލް އެއް ނުވާނެ . އެ ގައުމު ތަކަށް ބޮޑެތި ގައުމު ތަކުންވެސް އެހީ ވާނީ ކޮރަޕްޓް މެންބްރުން ގަނެގެން ވެރިކަމަށް ބާރު ފޯރުވޭ ނެމަ. އަދި މި ޤައުމު ތަކަށް އަމިއްލަ ފައިމައްޗަށް ދުވަހަކުވެސް ތެދުވިޔަ ނުދޭނެ. ރާއްޖޭގައި ބަރުލަމާނީ އޮތް ނަމަ ފަސް އަހަރު ތެރޭ ދިހަވަރަކަށް ބޮޑު ވަޒީރު އައްޔަން ކުރަން ޖެހޭނެ
ޗަކް
13 September 2025
ނެޕާލްއަކީ 2008 އިން ފެށިގެން ބަރުލަމާނަކަށް ބަދަލު ވެފައިވާ ގައުމެއް. އަދި އެއްވެސް ސަރުކާރެއް ނެތް 5 އަހަރުގެ ދައުރެއް ހަމަކޮށްފައި ނެތް. އަންނި ނުނިދިގެން މިއުޅެނީ މި ބަރުލަމާނު ރާއްޖެ ނުގެނެވިގެން.