15 އެޕްރީލް 2017 - 12:53
ވޮޝިންޓަން (އެޕްރީލް 15) - ކުރީގެ ރައީސުން ކަން ކުރައްވަމުން ވަޑައިގެންނެވި ގޮތާ ޚިލާފަށް ވައިޓް ހައުސް އަށް ޒިޔާރަތް ކުރާ މެހްމާނުންގެ ލިސްޓް ސިއްރު ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
މި ގޮތަށް ނިންމި ސަބަބެއް ކަމަށް ވައިޓް ހައުސް އިން ބުނެފައި ވަނީ ގައުމީ ސަލާމަތަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެކަމަކު ރައީސް ބަރަކް އޮބާމާގެ ދައުރުގައި ވަނީ ވައިޓް ހައުސް އަށް ޒިޔާރަތް ކުރި މީހުންގެ ހަ މިލިއަނަށް ވުރެ ގިނަ މީހުންގެ ލޮގް އާއްމު ކުރައްވައިފަ އެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ ވައިޓް ހައުސް އަށް ޒިޔާރަތް ކުރާ މީހުންގެ ލޮގް އެނގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ސިޔާސަތުތަކަށް ނުފޫޒް ފޯރުވަނީ ކޮން ބައެއްކަން އޭރުން އެނގޭނެ ކަމަށެވެ.
ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މައިކަލް ޑުބްކޭ ވިދާޅުވީ ރިޔާސީ ގަނޑުވަރަށް ޒިޔާރަތް ކުރާ މީހުންގެ ނަންތައް އާއްމު ނުކުރަން ނިންމީ 2013 ވަނަ އަހަރު ފެޑެރަލް ކޯޓުގެ ނިންމުމަކާ ވެސް ގުޅޭ ގޮތުން ކަމަށެވެ. ކޯޓުގެ ހުުކުމުގައި ވަނީ ވައިޓް ހައުސް އަށް ޒިޔާރަތް ކުރާ މީހުންގެ ލޮގަކީ ރިޔާސީ ރެކޯޑެއް ކަމަށާއި ފްރީޑަމް އޮފް އިންފޮމޭޝަންގެ ގާނޫނަށް އެ ރެކޯޑް ނުފެތޭ ކަމަށެވެ.
ވައިޓް ހައުސް އަށް ޒިޔާރަތް ކުރި މީހުންގެ ލޮގް އާއްމު ކުރަން ޓްރަމްޕް ސަރުކާރުން ބޭނުން ވަނީ އެމަނިކުފާން ވެރިކަަމުން ވަކިވެވަޑައިގަންނަވާތާ ފަސް އަހަރު ފަހުންނެވެ. ވައިޓް ހައުސް އަށް ޒިޔާރަތް ކުރާ މީހުންގެ މައުލޫމާތު އާއްމު ނުކުރާތީ ފާޑު ވިދާޅުވި މީހުންގެ ތެރޭގައި ޓްރަމްޕް ވެސް ހިމެނުނެވެ.
ކަންކަން ސިއްރު ކުރައްވަން މަސައްކަތް ކުރައްވާތީ ޓްރަމްޕަށް ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމު ކުރުމަށް ފިއްތުންތައް ކުރިމަތި ކުރި ނަމަވެސް އެކަން ކުރައްވަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy