ރަޝިޔާ އަށް އެރި ތޫފާނުގައި ގަހެއް މުލުން ފުރޮޅާލި އިރު ކާރެއް ހިއްލިފައި. --ފޮޓޯ:ރޮއިޓާސް
30 މެއި 2017 - 12:15
މޮސްކޯ (މެއި 30) - ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް އެރި ބާރުގަދަ ތޫފާނެއްގައި 11 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މޮސްކޯގެ ހެލްތު ޑިޕާޓްމަންޓުން ބުނީ ތޫފާނުގައި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ. ބައެއް މީހުން މަރުވެފައި ވަނީ ވެއްޓުނު ގަސްތަކުގެ ދަށުވެގެންނެވެ. އަނެއް ބަޔަކު މަރުވީ ގަދަވަޔާ އެކު އައި އެއްޗެހިތަކުން ޖެހިގެންނެވެ.
މޮސްކޯ އަށް އެރި ތޫފާނުގައި ގަހެއް ވެއްޓިފައި. --ފޮޓޯ:އީޕީއޭ
މޮސްކޯގެ މޭޔަރު ސާގީ ސޮބީއަނިން ވިދާޅުވީ ތޫފާނުގައި ވެރިރަށުން ގިނަ އަދަދެއްގެ ގަސް ވެއްޓިފައިވާ ކަމަށެވެ. ތޫފާނުގެ ގަދަ ވައިގެ ސަބަބުން ރޭލު ޚިދުމަތަށް ވަނީ ބުރޫ އަރައިފަ އެވެ. އަދި މޮސްކޯ އަށް ދަތުރުކުރި ގިނަ އަދަދެއްގެ ފްލައިޓް ވަނީ ޑިލޭކޮށްފަ އެވެ.
ތޫފާނުގައި ވައިޖެހެމުން ދިޔައީ ގަޑިއަކު 110 ކިލޯ މީޓަރު (70 މޭލު) ގެ ބާރު މިނުގަ އެވެ. އަދި މިއީ ވޭތުވެދިޔަ 100 އަހަރު ދުވަހު ތެރޭ މޮސްކޯ އަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް އޮފިޝަލުން ބުނެ އެވެ.
ތޫފާނުަގއި ކްރެމްލިމް ސެނޭޓުގެ ފުރާޅު ވަނީ އެއްލާލާފައި.
އިމަޖެންސީ އޮފިޝަލަކު ވިދާޅުވީ ރަޝިޔާގެ ސްޓާވްރޮޕޯލް ސަރަހައްދުގައި ފެންބޮޑުވެދާނެތީ 60،000 މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަަދަލުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
30 May 2017
ސޫރިޔާ އަށް ރަޝިޔާ އިން ބޮން އަޅާ ކުށެއް ނެތް އެތައް ބަޔަކު މަރަމުން ދަނީއެވެ. ހުރިހާ ފަރާތަކަށް ވުރެ ﷲ ގެ ބާރު ވެރިކަން މާ ގަދައެވެ.