އަގްސާގެ އަސްބާތު ދޮރޯށި ކައިރިން ފަލަސްތީން މީހުން ފޮނުވާލުމަށް އިޒްރޭލް ސިފައިން ބާރުގެ ބޭނުން ކުރަނީ. --ފޮޓޯ:ރޮއިޓާސް
19 ޖުލައި 2017 - 10:01
ގުދުސް (ޖުލައި 19) - އަގްސާ މިސްކިތް ބަންދު ކުރުމަށް ފަހު އިޒްރޭލުން އެޅި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި ހަމަނުޖެހުންތައް އިތުރުވާން ފަށައިފި އެވެ.
ރައީސް މަހްމޫދު އައްބާސްގެ ފަތަހަ ޖަމާއަތުން ވަނީ އިޒްލުން އެޅި ފިޔަވަޅުތަކާ ދެކޮޅު ހެދުމަށް ސިލްސިލާ މުޒާހަރާތަކެއް ގެންދަން ވަނީ ގޮވާލައިފަ އެވެ. އިޒްރޭލުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަގްސާ މިސްކިތުގައި މެޓަލް ޑިޓެކްޓަރު ހަރު ކުރުން ހިމެނެ އެވެ.
ރެޑް ކްރޮސް އިން ބުނީ އަގްސާ މިސްކިތް ސަރަހައްދުގައި އިޒްރޭލް ސިފައިންނާ އެކު ހިންގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 50 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ސިއްހީ ފަރުވާ ދިނުމުގައި އުޅުނު ހަތަރު މީހަކު ޒަޚަމްވި އިރު ރަބަރު ވަޒަނުން ޖެހިގެން އިތުރު 15 މީހަކު ވަނީ ޒަޚަމްވެފަ އެވެ.
އިއްޔެގެ އަސުރު ނަމާދަށް ފަހު އަގްސާގެ ލަޔަންސް ގޭޓް ނުވަތަ ބާބުލް އަސްބާތު ކައިރިއަށް ޖަމާވި މީހުން ދުރު ކުރުމަށް އިޒްރޭލް ސިފައިން ވަނީ ސައުންޑް ބޮމާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. ހަމަލާތަކުގައި ވަރަށް ގިނަ މީހުން ޒަޚަމްވި އެވެ. އޭގެ ތެރޭގައި ގުދުސްގެ ކުރީގެ މުފްތީ ޝެއިޚް އިކްރިމާ ސަބްރީ ހިމެނެ އެވެ.
ހަމާސްގެ އިތުރުން އިސްލާމިކް ޖިހާދުން ވެސް ވަނީ ހުޅަނގު އައްސޭރި އާއި ގާޒާގައި އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައިފަ އެވެ. މުޒާހަރާތައް ފަށަން ގޮވާލާފައި ވަނީ މިއަދުން ފެށިގެންނެވެ.
އަގްސާ މިސްކިތް ބަލަހައްޓާ އިސްލާމިކް ވަގުފް އިން ވަނީ އިޒްރޭލުން ހަރުކުރި މެޓަލް ޑިޓެކްޓަރުން ފާސްކޮށްގެން މިސްކިތަށް ވަނުމަށް ދެކޮޅު ހަދައިފަ އެވެ. އެހެންވެ އަގްސާ މިސްކިތަށް ދާ މީހުން ނަމާދު ކުރަނީ މަގުތަކުގަ އެވެ.
އިޒްރޭލުން އެޅީ "ޓެރަރިސްޓް ފިޔަވަޅުތަކެއް" ކަމަށް ބުނެ ފަތަހަ ޖަމާއަތުން ވަނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދު ފަލަސްތީނުގެ ހުސް ބިންތަކުގައި ކުރުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސސ
19 July 2017
އަޤުސާ މިސްކިތަކީ ކީރިރި ޤުރުއާނާއި މާތް ނަބިއްޔާގެ ސުއްނަތުން ސާބިތުވާތަނެއް އެއްވެސް ޝައްކެއްނެއްގޮތުގައި، އެތަން ދިފާއު ކުރުމަކީ މުސްލިމުންގެ ވާޖިބެއް، އެއީ ހުރިހާ މުސްލިމުންގެ މިސްކިތެއް!