ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރުކަމުގެ މަގާމަށް ގެންނަ ތެލާ ބެހޭ ކުރީގެ ވަޒީރު އައްބާސީ. --ފޮޓޯ:އޭއެފްޕީ
01 އޯގަސްޓް 2017 - 16:22
އިސްލާމްއާބާދު (އޮގަސްޓް 1) - ޕާކިސްތާނުގެ ބޮޑު ވަޒީރުގެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސަން ނިންމާފައިވާ ތެލާބެހޭ ކުރީގެ ވަޒީރު ޝާހިދު ޚައްގާން އައްބާސީގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އައްބާސީގެ މައްޗަށް ތުހުމަތުކޮށްފައިވާ 220 ބިލިއަން ރުޕީސްގެ ކޮރަޕްޝަނުގެ މައްސަލަ ބަލަމުން ދަނީ ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯ އިންނެވެ. އެކަމަކު ބޮޑު ވަޒީރު ކަމުގެ މަގާމަށް އޭނާގެ ނަން އިއްޔެ ވަނީ ޕާލަމެންޓް ސެކްރެޓަރީ އަށް ހުށަހަޅައިފަ އެވެ. އަދި އެ ނަން ޕާލަމެންޓުން މިއަދު ހަވީރު ފާސްކުރާނެ އެވެ.
ބޮޑު ވަޒީރުކަމުން ދުރުކުރި ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގުގެ ފަރާތުން ނޮމިނޭޓްކުރި އައްބާސީ އަކީ ނަވާޒް ޝަރީފުގެ ސިޔާސަތުތައް ކުރިއަށް ގެންދާނެ ބޭފުޅެއް ކަމަށްވެ އެވެ. އޭނާ އަކީ އެހާވެސް ނަވާޒް ޝަރީފަށް ވަފާތެރި ބޭފުޅެކެވެ.
އައްބާސީ އަށް ވަގުތީ ގޮތުން ބޮޑު ވަޒީރުކަން ދެނީ ނަވާޒް ޝަރީފުގެ ކޮއްކޮ ޝަހުބާޒް ޝަރީފު ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރުމަށް ފަހު އޭނާ އަށް ބޮޑު ވަޒީރުކަމަށް އާދެވެންދެނެވެ. ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ މަގާމުގައި މިހާރު ހުރި ޝަހުބާޒަކީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ނުވާތީ އޭނާ އަށް ވަގުތުން ބޮޑު ވަޒީރުކަން ދެވޭނެ ގޮތެއް ނެތެވެ. ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން ހުސްވި ގޮނޑި ޝަހުބާޒް ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވާނެ ކަމަށްވެ އެވެ.
އަނެއްކޮޅުން ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބޮޑު ވަޒީރު ކަމަށް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމަކަށް ނާދެވިފަ އެވެ. ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ލީޑަރުކަން ކުރާ ޕާކިސްތާން ތަހުރީކީ އިންސާފް ޕާޓީން ބޮޑު ވަޒީރުކަމަށް ނޮމިނޭޓްކޮށްފައި ވަނީ އަވާމީ ލީގުގެ ލީޑަރު ޝެއިޚް ރާޝިދެވެ. ނަމަވެސް އެހެން ޕާޓީތަކުގެ ތާއިދު އޭނާ އަށް ލިބިފައެއް ނުވެ އެވެ. ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ އާއި މުއްތަހިދާ ގައުމީ މޫވްމަންޓާއި ޖަމާއަތު އިސްލާމީ ޕާޓީގެ ފަރާތުން ވެސް ކެންޑިޑޭޓުން ނެރުނު ނަމަވެސް އެހެން ޕާޓީތަކުން ތާއީދުކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑީބް އެންޑް ބަދީއް
01 August 2017
މުޅި ސިޔާސީދާއިރާ އެއްކޮށް ތިއޮތީ ކަރޮޕްޓުވެ ބޮއްސުންލާފައެއްނު.
އަނެއްކާ
01 August 2017
މިރާއްޖޭައިން އެރި ބައްޔެއްބާ......