ހިއުސްޓަންގައި ހާލުގައި ޖެހުނު މީހުންނަށް ކޮންވެންޝަން ސެންޓަރުގައި އެހީ ފޯރުކޮށްދެނީ. --ފޮޓޯ:އޭއެފްޕީ
30 އޯގަސްޓް 2017 - 15:38
ޓެކްސަސް (އޮގަސްޓް 30) - އެމެރިކާގެ ޓެކްސަސް އަށް އެރި ބާރުގަދަ ތޫފާނުގައި އެންމެ ބޮޑަށް ފެންބޮޑުވި ހިއުސްޓަންގައި ވަައްކަމާއި ފޭރުން ހުއްޓުވުމަށް ރޭގަނޑުގެ ވަގުތުތަކުގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ.
ހިއުސްޓަންގެ މޭޔަރު ސިލްވެސްޓާ ޓާނާ ވިދާޅުވީ އެމެރިކާގައި ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީގައި ކާފިއު އިއުލާން ކުރަން ޖެހުނީ ލޫޓްވުން ހުއްޓުވަން ކަމަށެވެ. ޓާނާ ވިދާޅުވީ ފެންބޮޑުވުމުން މީހުން ނުކުމެފައިވާ ފަޅު ގޭތަކުން ބައެއް މީހުން ވައްކަން ކުރާ ކަމަށެވެ. ހިއުސްޓަންގައި ކާފިއު އިއުލާންކޮށްފައި ވަނީ ރޭގަނޑު 12 އިން ފަތިހު 5 އަށެވެ. ކާފިއުގެ މުއްދަތެއް ނެތެވެ. ފެންބޮޑުވުމުގައި އެހީ ދިނުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް ކާފިއު އިސްތިސްނާވެ އެވެ.
ޓެކްސަސްގައި ފެންބޮޑުވެ ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އެ ސްޓޭޓުގެ ބައެއް ސިޓީތަކަށް ވަޑައިގެންފަ އެވެ. އަދި މި ފަހަރުގެ ފެންބޮޑުވުމުގައި އެހީ ދިނުމުގައި ނަމޫނާ ދެއްކުމަށް ޓްރަމްޕް ވަނީ އެދިވަޑައިގެންފަ އެވެ.
ވޭތުވެދިޔަ 13 އަހަރު ދުވަހު ތެރޭ އެމެރިކާ އަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނުގައި ޓެކްސަސްގެ ވަރަށް ގިނަ ކައުންޓީތައް ވަނީ ފެނުއަޑީގަ އެވެ. އެތައް ގެއެއް ހަލާކުވެ މިހާތަނަށް 20 މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި 30،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy