ފިލިޕީންސްގެ ރައީސް ޑުޓާޓެ: އެމަނިކުފާނުގެ ބޮޑީގާޑަކު ވަނީ މަރާލާފައި.
26 ސެޕްޓެމްބަރ 2017 - 15:42
މެނީލާ (ސެޕްޓެމްބަރު 26) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ބޮޑީގާޑެއްގެ ގަޔަށް ބަޑި ޖަހާ މަރާލައިފި އެވެ.
ރައީސް ޑުޓާޓެގެ ރަސްމީ ގެކޮޅު ވެސް ހުންނަ މަލަކާނަން ޕާކުގައި ބަޑި ޖެހުމުގެ ހާދިސާ ހިންގި އިރު ޑުޓާޓެ އެ ސަރަހައްދުގައި ނޫޅުއްވަ އެވެ. ޕްރެޒިޑެންޝަލް ސެކިއުރިޓީ ގްރޫޕް (ޕީއެސްޖީ) ގެ ކޮމާންޑަރު ލޯޕް ޑަގޯއީ ވިދާޅުވީ މިއީ ރައީސަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށެވެ. އަދި އެއީ ޓެރަރިސްޓް ހަމަލާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމުރުން 37 އަހަރުގެ ބޮޑީގާޑުގެ ހަށިގަނޑު ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. ހަމަލާ އަރާފައި ވަނީ ބޮޑީގާޑުގެ މެޔަށެވެ.
ހަމަލާ ދިން އިރު ރައީސް ޑުޓާޓެ އުޅުއްވި ތަނަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ރިޔާސީ ތަރުޖަމާން އާނެސްޓޯ އަބެއްލާ ވިދާޅުވީ ރައީސް ހުންނެވި ތަނަކާ ބެހޭ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. ހަފުތާ ބަންދުގައި ޑުޓާޓެ އާއްމުކޮށް އުޅުއްވަނީ ދެކުނުގެ ޑަވާއޯ ސިޓީގަ އެވެ. މިއަދު ހަވީރު މެނީލާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓެއްގައި ޑުޓާޓެ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ޑަގޯއީ ވިދާޅުވީ ރައީސްގެ ބޮޑީގާޑަކު މަރާލި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފިލިޕީންސްގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން ގަޔަށް ބަޑިޖެހުމަށް ޑުޓާޓެ ވަނީ އަމުރު ކުރައްވައިފަ އެވެ. ޑުޓާޓެ މި ނިންމެވުމަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑުޓާޓެ
27 September 2017
މިކަހަލަ ހިތްގަދަ ވެރިއަކަށް ކުއްވެރިން ސައިޒް ވާނީ... އުމަރު ނަސީރަށް މިރާއްޖޭގައި ތިޔަކަން ވެދާނެ