ރޮހިންޖާ ރެފިއުޖީންގެ ބަޔަކު އެ މީހުންގެ ސާމާނުތަކާ އެކު ދަނީ. --ފޮޓޯ:އޭއެފްޕީ
08 އޮކްޓޯބަރ 2017 - 17:22
ކޮކްސް ބާޒާރު (އޮކްޓޯބަރު 8) - މިއަންމާގެ ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތެރެވާ ރެފިއުޖީންނަށް ބޮޑު ކޭމްޕެއް ތައްޔާރު ކުރާކަން ޑާކާ އިން އިއުލާންކޮށްފި އެވެ.
ބަންގްލަދޭޝް އިން ބުނީ އަލަށް ހަދާ ކޭމްޕުގައި އަށް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ހިޔާވަހިކަން ދެވޭނެ ކަމަށެވެ. އޮގަސްޓް 25 ވަނަ ދުވަހު މިއަންމާގެ ރަކީން ސްޓޭޓުގައި ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ ބައި މިލިއަނަށް ވުރެ އިތުރުވެފަ އެވެ.
ރެފިއުޖީން ތިބުމަށް ބަންގްލަދޭޝް އިން ވަނީ ކޮކްސް ބާޒާރު ސަރަހައްދުން 2،000 އޭކަރު (790 ހެކްޓަރު) ގެ ބިން ހަމަޖައްސައިފަ އެވެ. ނަމަވެސް ރެފިއުޖީންގެ އަދަަދު އިތުރުވާން ފެށުމުން ފަހުން ވަނީ 1،000 އޭކަރުގެ ބިން އިތުރު ކޮށްދީފަ އެވެ.
ބަންގްލަދޭޝްގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރު މުފައްޒަލް ހުސައިން ޗައުދަރީ މަޔާ ވިދާޅުވީ ރޮހިންޖާ ރެފިއުޖީން މިހާރު ތިބި 23 ކޭމްޕުގެ ބަދަލުގައި އެ މީހުން ވަރަށް އަވަހަށް އެއް ކޭމްޕަކަށް ބަދަލު ކުރާނެ ކަމަށެވެ.
ރޮހިންޖާ ރެފިއުޖީން އުފުލައިގެން ބައެއް މީހުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާތީ ބަންގްލަދޭޝް އިން ދާދި ފަހުން ވަނީ ރެފިއުޖީން އުފުލާ ބޯޓުތައް ނައްތާލައިފަ އެވެ. ނަފް ކޯރު ހުރަސްކޮށް މިއަންމާ އިން ބަންގްލަދޭޝް އަށް ރެފިއުޖީން ދަތުރު ކުރުމަށް އާއްމުކޮށް ފަސް ޑޮލަރު ނެގި ނަމަވެސް މީހުން ސްމަގްލް ކުރާ ފަރާތްތަކުން ދަނީ މީހަކަށް 250 ޑޮލަރު ނަގަމުންނެވެ.
ބަންގްލަދޭޝް އިން ބުނީ ވޭތުވެދިޔަ ހަފުތާތަކުގައި ރެފިއުޖީން އެތެރެވާ އަދަދު މަދުވި ނަމަވެސް އަނެއްކާ ވެސް ރެފިއުޖީންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއާ
08 October 2017
މީ ހަމަ ބަންގްލަދޭޝް މީހުން. ތިޔަ ހިސާބުގަ އުޅޭ މީހުން ދޭތެރެ ދުރުކުރާނެ ގޮތް ކިޔާދޭންޖެހޭ.