11 އޮކްޓޯބަރ 2017 - 14:48
ކޮކްސް ބާޒާރު (އޮކްޓޯބަރު 11) - މިއަންމާ އިން ބަންގްލަދޭޝް އަށް އެތެރެވެފައި ތިބި އެތައް ލައްކަ ރޮހިންޖާ ރެފިއުޖީން ތިބި ކޭމްޕްތަކުގައި ކޮލެރާ ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް އދ. އިން ފަށައިފި އެވެ.
އދ. އިން މަސައްކަތް ކުރަމުން ދަނީ ބަންގްލަދޭޝް ސަރުކާރާ ގުޅިގެން 650،000 މީހުންނަށް ކޮލެރާ ވެކްސިން ދިނުމަށެވެ. އަދި އޭގެ ފަހުން ދެ ވަނަ ޑޯޒުގެ ގޮތުގައި 1-5 އަހަރާ ދެމެދުގެ 250،000 ކުޑަ ކުދިންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އދ. އިން ހިންގާ ވެކްސިން ދިނުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ޕްރޮގްރާމް ވެސް މެ އެވެ. މިދިޔަ ނޮވެމްބަރު މަހު އދ. އިން ވަނީ ހެއިޓީގައި 800،000 މީހުންނަށް ވެކްސިން ދީފަ އެވެ. އދ. އިން ބުނީ ރޮހިންޖާ ކޭމްޕްތަކުގައި ކޮލެރާ ފެތުރިދާނެކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.
"ރޮހިންޖާ ކޭމްޕްތަކުގައި އުޅޭ މީހުންނަށް އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފާޚާނާ ކުރުން، ސާފު ބޯފެނެއް ނުލިބޭ،" ޔުނިސެފުގެ ތަރުޖަމާން އޭ.އެމް ސާކިލް ފައިޒުﷲ އޭއެފްޕީ އަށް ވިދާޅުވި އެވެ. "މިފަދަ ހާލަތެއްގައި ކޮލެރާ ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ."
ބަންގްލަދޭޝްގެ ވޮލަންޓިއަރަކު ރޮހިންޖާ ރެފިއުޖީ ކުއްޖަކަށް އިއްޔެ ކޮލެރާ ވެކްސިން ދެނީ. --ފޮޓޯ:އޭއެފްޕީ
ބަންގްލަދޭޝްގައި ހުންނަ ޑަބްލިއުއެޗްއޯގެ މަންދޫބު އެން. ޕަރަނިއެތަރަން ވިދާޅުވީ ރެފިއުޖީ ކޭމްޕްތަކުގައި ކޮލެރާ ފެތުރުން ކޮންޓްރޯލް ކުރެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި ރެފިއުޖީ ކޭމްޕްތަކާ ކައިރީގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް ވެސް ވެކްސިން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝް އިން ވަނީ ހުރިހާ ރެފިއުޖީން ބޮޑު އެއް ކޭމްޕަކަށް ބަދަލު ކުރަން ނިންމައިފަ އެވެ. އަލަށް ހަދާ ބޮޑު ކޭމްޕުން އަށް ލައްކަ މީހުންނަށް ޖާގަ ދެވޭނެ ކަމަށް ބަންގަލްދޭޝް އިން ބުނެ އެވެ. އދ. އިން ބުނެފައި ވަނީ ގިނަ އަދަދެއްގެ ރެފިއުޖީން އެއް ކޭމްޕެއްގައި ދިރިއުޅުމަކީ ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ބޮޑު ކަމެއް ކަމަށެވެ.
ކޮލެރާ އަކީ 1970 ގެ އަހަރުތަކުގައި ބަންގްލަދޭޝް އިން އެންމެ ގިނައިން މީހުން މަރުވި ބަައްޔެވެ. ނަމަވެސް އޭގެ ފަހުން އެ ގައުމުން ވަނީ ސެނިޓޭޝަނުގެ ޚިދުމަތް ރަނގަޅުކޮށް ބަލި ކޮންޓްރޯލް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy