ކެންޔާގެ ރައީސް އުހުރު ކެންޔާއްޓާ އިންތިޚާބުގެ ނަތީޖާ އަށް ފަހު ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
31 އޮކްޓޯބަރ 2017 - 12:26
ނައިރޯބީ (އޮކްޓޯބަރު 31) - ކެންޔާގައި ބޭއްވި ޚިޔާލުތަފާތުވުން ބޮޑު އަދި އިދިކޮޅު ކެންޑިޑޭޓް ރާއިލާ އޮޑިންގާ ބޮއިކޮޓްކުރެއްވި އިންތިޚާބުން މިހާރުގެ ރައީސް އުހުރު ކެންޔާއްޓާ 98 ޕަސެންޓް ވޯޓު ހޯއްދަވައިފި އެވެ.
އިންތިޚާބުގައި ވަނީ 38.8 ޕަސެންޓް މީހުން ވޯޓު ދީފަ އެވެ. އެކަމަކު އިންތިޚާބު އޮބްޒާވްކުރި މީހުން ވަނީ ކެންޔާޓާގެ ކާމިޔާބީއާ މެދު ސުވާލު އުފައްދަވައިފަ އެވެ. އަދި ކެންޔާއްޓާ ވަނީ އޮބްޒާވަރުންނަށް ފާޑުކިޔައިފަ އެވެ.
ކެންޔާގައި އޮގަސްޓް މަހު ބޭއްވި އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލްކުރީ ނަތީޖާގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ބުނެ އެވެ. އަދި އިންތިޚާބު ބާތިލް ކުރަން ޖެހުނީ އިލެކްޝަންސް ކޮމިޝަނުގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ.
އިންޑިޕެންޑެންޓް އިލެކްޓޯރަލް އެންޑް ބައުންޑަރީސް ކޮމިޝަން (އައިއީބީސީ) އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގައި ކެންޔާއްޓާ އަށް 7،483،895 ވޯޓު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އޮޑިންގާ އަށް ލިބިވަޑައިގަތީ 73،228 ވޯޓު ކަމަށެވެ. އޮޑިންގާ ވަނީ އޭނާގެ ސަޕޯޓަރުން ވޯޓުލާން ނުނިކުތުމަށް ގޮވާލައްވައިފަ އެވެ.
އެމެރިކާ ސަފީރު ރޮބާޓް ގޯޑެކް ވަނީ ކެންޔާގެ އިންތިޚާބާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އިނގިރޭސި ވިލާތުގެ މިނިސްޓާ ފޯ އެފްރިކާ ރޮރީ ސްޓޫވާޓް ވަނީ އިންތިޚާބާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ސުލްހަވެރިކަމާ އެކު އިހުތިޖާޖް ކުރުމަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy