މަޝްހޫރު ދީނީ އިލްމުވެރިޔާ ތޯރިގު ރަމަޟާން. --ފޮޓޯ:އޭއެފްޕީ
08 ނޮވެމްބަރ 2017 - 19:38
ލަންޑަން (ނޮވެމްބަރު 8) - މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އޮކްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ތާރިގު ރަމަޟާންގެ މައްޗަށް ފްރާންސްގެ ދެ އަންހެނަކު ރޭޕުގެ ތުހުމަތުކޮށްފައި ވަނިކޮށް އޭނާ ޗުއްޓީ އަށް ވަޑައިގެންފި އެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ އިސްލާމް ދީނާ ބެހޭ ޕްރޮފެސަރުގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން އެ މައްސަލަ ފްރާންސުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ޖެނީވާގައި ކިޔަވާ ކުދިންތަކެއްގެ ގޮތުގައި އުޅުނު އިރު އެ މީހުންގެ ފަރާތުން ޖިންސީ ފައިދާ ހޯދަން އުޅުނު ކަމުގެ ތުހުމަތު ހަތަރު އަންހެނަކު ވެސް ވަނީ ތޯރިގުގެ މައްޗަށް ކޮށްފަ އެވެ. މި ހުރިހާ ތުހުމަތަކަށް ވެސް ތޯރިގު ދެކޮޅު ހައްދަވަ އެވެ.
ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނީ އެއީ ދެ ފަރާތުން އެއްބަސްވެގެން ނެގި ޗުއްޓީއެއް ކަމަށާއި ތޯރިގުގެ މައްޗަށްކޮށްފައިވާ ތުހުމަތާ އެކަމާ ގުޅުމެއް ނެތް ކަމަށެވެ.
ތޯރިގު،55، ގެ މައްޗަށް ތުހުމަތުތައް ކުރި ނަމަވެސް އޭނާ ގެންދެވީ އޮކްސްފޯޑުގައި ކިޔަވައިދެއްވަމުންނެވެ.
ތޯރިގުގެ މައްޗަށް ރޭޕުގެ ތުހުމަތުކުރި އެކަކު ކަމަށްވާ ހަންދާ އަޔާރީ ފްރާންސް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ޕެރިހުގެ ހޮޓަލެއްގައި 2012 ވަނަ އަހަރު އޭނާ އަށް ރަމަޟާން "ހަމަލާދީފައިވާ" ކަމަށެވެ. އޭނާ ބުނި ގޮތުގައި ރަމަޟާން ވަނީ ވަލު ޖަނަވާރެއް ގޮތަށް އޭނާ ގަޔަށް ފުންމާލައިފަ އެވެ. ބީއެފްއެމްޓީވީގައި ވާހަކަ ދައްކަމުން އަޔާރީ ބުނީ ޕެރިހުގައި ރަމަޟާން ހުރި ހޮޓަލަށް އޭނާ ދިޔައީ ދީނީ ސުވާލެއް ކުރަން ކަމަށެވެ. އެކަމަކު އޭނާގެ ފަރާތުން ލިބުނީ ޖިންސީ އަނިޔާއެއް ކަމަށް ބުންޏެވެ.
ފޭސްބުކް މެދުވެރިކޮށް ރަމަޟާން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެއީ އޭނާއާ ދެކޮޅަށް ފަށާފައިވާ ދޮގު ކެމްޕޭނެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭނާގެ ވަކީލް މެދުވެރިކޮށް އެ އަންހެން މީހާ އަށް ދައުވާ ކުރާނެ ކަމަށް ރަމަޟާން ވިދާޅުވި އެވެ.
ދެ ވަނަ މީހާ ބުނީ ރަމަޟާން ވަނީ ލިޔޯންގެ ހޮޓަލެއްގައި 2009 ވަނަ އަހަރު އޭނާ ރޭޕްކޮށްފައި ކަމަށެވެ.
ތޯރިގް ރަމަޟާން ގެންދަވަނީ މެދުމިނުގެ އިސްލާމީ އުސޫލުތަކަށް ބާރު އަޅަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭނާ ދަނީ "ޕޮލިޓަކަލް އިސްލާމް" ޕްރޮމޯޓް ކުރަމުންނެވެ.
ސްވިޒަލެންޑަށް އުފަން ރަމަޟާން ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން އޮކްސްފޯޑުގައި ޕްރޮފެސަރެއްގެ މަގާމު ފުރަމުންނެވެ.
މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް މެރުމަކީ އިސްލާމީ ޝަރީއަތުގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ނުކުރެއްވުމަށް ތޯރިގު ރަމަޟާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން މިދިޔަ އަހަރު އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައް
08 November 2017
މިކަހަލަ މީހުން ގެނެސްގެން ދަރުސްދީ އަދިވެސް.