އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
07 ޑިސެމްބަރ 2017 - 14:21
ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 7) - ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ބައްދަލުވުން ބާއްވަން ހުށަހަޅާފައި ވަނީ އަށް ގައުމަކުންނެވެ. އެއީ ބޮލީވިއާ، އިނގިރޭސިވިލާތް، މިސްރު، ފްރާންސް، އިޓަލީ، ސެނަގާލް، ސްވިޑަން އަދި އުރުގުއާއީންނެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ޓްރަމްޕް އިއުލާން ކުރެއްވުމާ އެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެފައި ވަނީ ގުދުސްގެ ކުރިމަގު ނިންމަން ޖެހޭނީ އިޒްރޭލާއި ފަސްތީނުން ބައިވެރިވާ މަޝްވަރާތަކުން ކަމަށެވެ. އަދި ދެ ދައުލަތް އުފައްދައިގެން މައްސަލަ އަށް ހައްލު ހޯދުން ނޫން ގޮތެއް ފެންނަންން ނެތް ކަމަށް ވެސް ގުޓަރޭޒް ވިދާޅުވި އެވެ.
ބޮލީވިއާގެ ސަފީރު ސާޗާ ސާޖިއޯ ލޮރެންޓީ ސޮލިޒް ވިދާޅުވީ ޓްރަމްޕުގެ ނިންމެވުމަކީ ވަރަށް ނުރައްކާ ކަމެއް ކަމަށާއި އެއީ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ.
"އެއީ ހަމައެކަނި މެދުއިރުމަތީގެ ސުލްހަ އަށް ކުރިމަތިވި ނުރައްކަލެއް ނޫން. އެއީ ބައިނަލްއަގުވާމީ ސުލްހަ އަށް ވެސް ނުރައްކަލެއް،" ބޮލީވިއާގެ މަންދޫބު ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި 2334 ގަރާރުގައިވާ ގޮތުން ޖޫން 4، 1967 ގެ ފަހުން ގުދުސް އަށް ގެންނަ އެއްވެސް ބަދަލެއް ބަލައިނުގަންނާނެ އެވެ. ހަމައެކަނި ބަލައިގަންނާނީ އިޒްރޭލާއި ފަލަސްތީނުގެ މަޝްވަރާތަކުން ދެބައި މީހުންނަށް ވެސް އެއްބަސްވެވޭ ބަދަލެއް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އެ ގަރާރު ފާސްވެފައި ވަނީ ބަރަކް އޮބާމާގެ ސަރުކާރުން ވަކިކޮޅަކަށް ވޯޓު ނުދިނުމުންނެވެ.
އިޒްރޭލުން އިރުމަތީ ގުދުސް ހިފީ ޖޫން 5، 1967 ގައި ފެށި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުނައިޓެޑް އައްޑޫ
07 December 2017
ޓްރަމްގެ ނިންމުމާއި ދެކޮޅަށް ފޭސްބުކް ޕްރޮފައިލް އަޕްޑޭޓް ކުރުމަށް ތިމަޖިލީހުން ނިންމީމަ ރަނގަޅުވާނެ.