އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 25 މީހުން ވަނީ ޒަޚަމްވެފައި. --ފޮޓޯ:އޭއެފްޕީ
09 ޑިސެމްބަރ 2017 - 12:18
ގާޒާ (ޑިސެމްބަރު 9) - ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހަތިޔާރު ރައްކާކުރާ ކަމަށް ބެލެވޭ ގުދަންތަކަށް މިއަދު ހަމަލާދީފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލުން ބުނީ އެއީ ހަމާސް އިން ދިން ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފަން ދިން ހަމަލާތަކެއް ކަމަށެވެ. އިޒްރޭލުގެ ޕޯސްޓްތަކަށް ހަމާސް އިން އިއްޔެ ވަނީ ތިން ރޮކެޓް ހަމަލާ ފޮނުވާލައިފަ އެވެ. ހަމާސްގެ ރޮކެޓް ހަމަލާތަކުގައި އިޒްރޭލުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު ކުރިމަތިލުންތައް ވަރުގަދަވެފައި މި ވަނީ އިޒްރޭލުގެ ވެރި ރަށަކީ ގުދުސްކަން އެމެރިކާ އިން ބަލައިގެންފި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރުމާ ގުޅިގެންނެވެ. ގުދުސް އަކީ ވެރިރަށް ކަމަށް އިޒްރޭލުން ބުނަމުން ދިޔަ ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ.
އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ދެ މީހަކު މިހާތަނަށް ވަނީ ޝަހީދުވެފަ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން އިއްޔެ ވެސް ވަނީ ހަމާސްގެ ތަންތަނަށް ވައިގެ ހަމަލާދީފައި ކަމަށެވެ. އެ ހަމަލާތަކުގައި ވަނީ 25 މީހުން ޒަޚަމްވެފަ އެވެ.
ހަމާސްގެ ސީނިއާ ލީޑަރެއް ކަމަށްވާ ފާތީ ހަމަދު އިއްޔެ ވިދާޅުވީ ގުދުސް އަށް އެމްބަސީ ބަދަލު ކުރަން އުޅޭ ކޮންމެ ބަޔަކު ވާނީ ފަލަސްތީނުގެ ދުޝްމަނުންނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy