އީރާނުގެ ޚާރިޖީ ވަޒީރާ ޖޯންސަން ތެހެރާނުގައި އިއްޔެ ބައްދަލު ކުރައްވަނީ. --ފޮޓޯ:ރޮއިޓާސް
10 ޑިސެމްބަރ 2017 - 10:07
ތެހެރާން (ޑިސެމްބަރު 10) - އީރާނުގެ ޖަލުގައި ބަންދުކޮށްފައި ހުރި އިނގިރޭސި ޕާސްޕޯޓް އޮންނަ މީހެއް ކަމަށްވާ ނަޒާރިން ޒަގަރީ-ރަކްލޮފް ސަލާމަތް ކުރެވޭތޯ ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން މަސައްކަތް ފައްޓަވައިފި އެވެ.
ޖޯންސަން ވަނީ ތެހެރާނަށް ވަޑައިގެން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖާވަދު ޒަރީފްއާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިންސާނިއްޔަތުކަމުގެ ގޮތުން ނަމަވެސް، އީރާނުގައި ބަންދުގައި ތިބި އިނގިރޭސި ޕާސްޕޯޓް އޮންނަ މީހުން ދޫކޮށްލުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އީރާނާއި އިނގިރޭސި ވިލާތާ ދެމެދު ގާތް ގުޅުންތަކެއް ނޯވެ އެވެ. ޖޯންސަން އަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ އީރާނަށް ވަޑައިގެންނެވި އިނގިރޭސި ތިން ވަނަ ޚާރިޖީ ވަޒީރެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީއާ ޖޯންސަން މިއަދު ބައްދަލު ކުރައްވާނެ އެވެ.
ޒަގަރީ-ރަކްލޮފަކީ އީރާނުގެ ޕާސްޕޯޓް ވެސް ގެންގުޅޭ މީހެކެވެ. އީރާން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި، ޗެރިޓީ މަސައްކަތްކުރާ ޒަގަރީ-ރަކްލޮފް ތެހެރާނުގައި ބަންދުކޮށްފައި ވަނީ އެޕްރީލް 2016 އިން ފެށިގެންނެވެ.
އީރާނުގައި ބަންދުކޮށްފައި ހުރި ރަޓްކްލިފް.
ލަންޑަންގައި ދިރިއުޅޭ ނަޒާނިން ޒަގާރީ-ރަކްލިފް، 37، މިދިޔަ އެޕްރީލް މަހު ހައްޔަރުކުރީ އޭނާގެ ދެ އަހަރުގެ ދަރިފުޅާ އެކު އީރާނުގައި ތިބި ގާތްތިމާގެ މީހުން ކައިރިއަށް ޒިޔާރަތް ކުރުމުން ތެހެރާނުގެ އެއާޕޯޓުންނެވެ. އީރާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައި ވަނީ އީރާން ސަރުކާރު ބަދަލު ކުރުމުގެ ވަރަށް ގިނަ ހަރަކާތްތަކުގައި އެ އަންހެން މީހާ ބައިވެރިވެފައިވާ ކަމަށް ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މީޑިއާ ކެމްޕޭންތަކާއި ސައިބާ ޕްލޮޓްތައް އީރާން ސަރުކާރާ ދެކޮޅަށް ޒަގާރީ ހިންގާފައިވާ ކަމަށް އިރްނާ ނިއުސް އެޖެންސީން ބުންޏެވެ.
ޒަގާރީ އީރާނަށް ދަތުރުކުރީ ވެސް އީރާން ޕާސްޕޯޓުގަ އެވެ. ތެހެރާނުގެ އިމާމް ޚުމައިނީ އެއާޕޯޓުން އޭނާ ހައްޔަރުކުރީ އެޕްރީލް 3 ވަނަ ދުވަހު އެވެ. އޭނާގެ ދެ އަހަރުގެ ދަރިފުޅު ވަނީ އީރާނުގައި ދިރިއުޅޭ ޒަގާރީގެ މައިން ބަފައިންނާ ހަވާލުކޮށްފަ އެވެ. ޒަގާރީ މަސައްކަތް ކުރަނީ ލަންޑަނުގައި ހިންގާ ތޮމްސަން ރޮއިޓާސް ފައުންޑޭޝަނުގަ އެވެ.
ޒަގާރީގެ ފިރިމީހާ ރިޗަޑް ރަކްލިފް ދަނީ ޒަގާރީ އަނބުރާ އިނގިރޭސިވިލާތަށް ގެންދިއުމަށް ކެމްޕޭން ވެސް ކުރަމުންނެވެ. ރިޗަޑް ބުނެފައި ވަނީ ޒުވާން މަންމައަކާއި ދެ އަހަރުގެ ކުޑަ ކުއްޖާއަކީ އީރާން ސަރުކާރަށް ބިރަކަށް ވާން ޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy