ދުނިޔެ / ފަލަސްތީން

ގުދުސްގެ މުޒާހަރާތައް އަދިވެސް ފުޅާވެ ވަރުގަދަވަނީ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވުމާ ގުޅިގެން، ފަލަސްތީނުގެ ބިންތަކުގަ އާއި ދުނިޔޭގެ އެކި ގައުމުތަކުގައި ކުރާ މުޒާހަރާތައް، އަދިވެސް ދަނީ އިތުރަށް ފުޅާވެ ވަރުގަދަވަމުންނެވެ.

މި މަހުގެ 6 ވަނަ ދުވަހު ޓްރަމްޕު ނިންމެވި އެ ނިންމެވުމާ ގުޅިގެން އެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އިސްލާމީ އަރަބި ގައުމުތަކުގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ. އޭގެ ފަހުން މިހާރު މުޒާހަރާތައް ކުރަމުން އަންނަނީ ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހު އެވެ. ނަމަވެސް ފަލަސްތީނުގެ ބިންތަކުގައި އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އުރްދުންގެ ވެރިރަށް އަންމާންގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރި އެވެ. އިޚްވާނުލް މުސްލިމީން ޖަމާއަތުން އިސްނަގައިގެން ކުރި މި މުޒާހަރާގައި، އުރްދުންގައި ހުންނަ އެމެރިކާ އެމްބަސީ އެ ގައުމުން ބޭރު ކުރުމަށް ވެސް ގޮވާލާފައިވެ އެވެ. އަދި ގުދުސްގެ ހިމާޔަތުގައި އެންމެހައި މުސްލިމުން ތެދުވުމަށް ވެސް ގޮވާލާފައިވެ އެވެ.

އޭގެ އިތުރުން އުރްދުންގެ އެހެން ބައެއް ސަހަރުތައް ކަމަށްވާ ބަލްގާއު، އިރްބިދް، އަގަބާ، ޒަރްގާއު އަދި ތުފައިލާގައި ވެސް އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކުރި އެވެ.

މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ވެސް ހުކުރު ނަމާދަށް ފަހު ބޮޑު މުޒާހަރާއެއް ބޭއްވި އެވެ. މަލާޔާ ޔުނިވާސިޓީގެ ދަރިވަރުންނާއި ޓީޗަރުން ރާވައިގެން ބޭއްވި މި މުޒާހަރާގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވެ އެމެރިކާގެ ނިންމުމާ ދެކޮޅަށް އަޑު އުފުލި އެވެ.

އޭގެ އިތުރުން ޕާކިސްތާނުގެ ރާވަލްޕިންޑީގައި ވަނީ، ގުދުސްއާ އެއްބައިވަންތަ ވުމުގެ ފެސްޓިވަލެއް ބާއްވައި އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ދީނީ އަދި ސިޔާސީ ޕާޓީތައް ގުޅިގެން ބޭއްވި މި ފެސްޓިވަލުގައި އެތައް ހާސް ބަޔަކު ބައިވެރިވެ، އެމީހުން ތިބީ ގުދުސްގެ ހިމާޔަތުގައި ކަން ހާމަކޮށްފައިވެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ އިރު، އދ.ގެ އާންމު މަޖިލީހުން ވަނީ އެމެރިކާގެ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފަ އެވެ. މި މަހުގެ 21 ވަނަ ދުވަހު ޔަމަނުން ހުށަހެޅި އެ ގަރާރު ފާސްކުރީ އާންމު މަޖިލީހުގެ 128 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ ނުވަ ގައުމަކުންނެވެ.

ފަލަސްތީނުގެ ބިންތަކުގައި ވެސް ހުކުރު ދުވަހު ވަނީ އާދަޔާ ޚިލާފަށް ބޮޑު މުޒާހަރާތަކެއް ބާއްވައިފަ އެވެ. މި މުޒާހަރާތައް ރޫޅައިލުމަށް އިޒްރޭލު ސިފައިން އަސްލު ވަޒަނުގެ އިތުރުން ރަބަރު ވަޒަނާއި ކަރުނަގޭސް ވެސް ބޭނުންކުރި އެވެ.

މުޒާހަރާތައް ރޫޅައިލުމަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްވި އެވެ. ފަލަސްތީނުގެ ހޮސްޕިޓަލްތަކުން ބުނާ ގޮތުގައި ހުރިހާ މީހުން ވެސް ޒަޚަމްވެފައިވަނީ އަސްލު ވަޒަން އެރުމުގެ ސަބަބުންނެވެ.

ހުކުރު ދުވަހުގެ މުޒާހަރާތަކުގައި އިޒްރޭލު ސިފައިންނާ ދެމެދު އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގީ، ޣައްޒާ އާއި އިޒްރޭލު ގުޅޭ ސަރަހައްދު ކައިރީގަ އެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި މި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ 40 ޒުވާނުން ޒަޚަމްވެގެން ފަރުވާ ދޭން ޖެހުނު އިރު އޭގެ ތެރެއިން ތިން މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.. އަދި އިތުރު 70 ވަރަކަށް މީހުން ކަރުނަ ގޭހުން ނޭވާ ހާސްވެގެން ފަރުވާ ދޭންޖެހުނެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ސަރަހައްދުގެ ތެރެއިން އިޒްރޭލަށް ތިން ރޮކެޓެއް ވެސް ފޮނުވައިލި އެވެ. ނަމަވެސް އިޒްރޭލުން ބުނާ ގޮތުގައި އެ ރޮކެޓްތައް އޭގެ އަމާޒަށް ވާސިލު ވުމުގެ ކުރިން، އިޒްރޭލުން ދިން މިސައިލް ހަމަލާތަކެއްގައި ވަނީ އެ ރޮކެޓްތައް ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ. ފަލަސްތީނުން ދިން ރޮކެޓް ހަމަލާގެ ބަދަލުގައި އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ ސަރަހައްދުތަކަށް ބޮޑުބަޑިން ހަމަލާ ދީފަ އެވެ.

0 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 5%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454