އެމްއެޗް370 ހޯދާ ބޯޓު ނުގެއްލޭ، ދިޔައީ ތެޔޮ އަޅަން

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 10) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް370 ހޯދުމުގައި ހަރަކާތްތެރިވާ ކުންފުނިން ކުއްޔަށް ހިފާފައިވާ ސީބެޑް ކޮންސްޓްރަކްޓާ ބުރާސްފަތި ދުވަހުން ފެށިގެން ޓްރެކިން ސްކްރީނުން ގެއްލުމުން ބައެއް މީހުންގެ ހިތުގައި ސުވާލުތައް އުފެދިފައި ވަނިކޮށް މެލޭޝިއާ ސަރުކާރުން އެކަން ސާފުކޮށްދީފި އެވެ.


މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށާއި ބޯޓު ދިޔައީ ތެޔޮ އަޅަން އޮސްޓްރޭލިއާ އަށް ކަމަށެވެ. އަދި ފޭކް ޚަބަރުތައް ގަބޫލް ނުކުރުމަށް އެމްއެޗް370 އިން ދަތުރު ކުރި މީހުންގެ އާއިލާތަކުގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

"ސީބެޑް ކޮންސްޓްރަކްޓާގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ފުރިހަމަ އަށް. އަދި ޕްލޭނާ އެއްގޮތަށް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށާނެ،" ޓިއޮން ލައި ވިދާޅުވި އެވެ.

އެމްއެޗް370 ހޯދަން މެލޭޝިއާ އިން ހަވާލުކޮށްފައި ވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝަން އިންފިނިޓީއާ އެވެ. އިންޑިއާ ކަނޑުގައި ކުރިން ނުބަލާ 25،000 އަކަ މީޓަރުގެ ސަރަހައްދެއް ބަލަން ސީބެޑް ކޮންސްޓްރަކްޓާ އިން ވަނީ ހައި- ޓެކް އަންޑަވޯޓާ ޑްރޯންތަކެއް ކަނޑު އަޑިއަށް ފޮނުވާލައިފަ އެވެ. ނަމަވެސް ސީބެޑް ކޮންސްޓްރަކްޓާގެ މަސައްކަތް ފެށިތާ 10 ދުވަސްތެރޭ ވަނީ ކުރިން އެންގުމަކައި ނުލައި އޭގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލައިފަ އެވެ. އެހެންވެ ޓްރެކިން ސްކްރީނުން ސީބެޑް ކޮންސްޓްރަކްޓާ ގެއްލުމުން އެމްއެޗް370 އިން ދަތުރުކުރި މީހުންގެ އާއިލާތަކުން ވަނީ ކަންބޮޑުވުން ފާޅު ކުރަން ފަށައިފަ އެވެ.

ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރާ ސީބެޑް ކޮންސްޓްރަކްޓާ. --ފޮޓޯ:އޭއެފްޕީ

ޓިއޮން ލައި ވިދާޅުވީ ސީބެޑް ކޮންސްޓްރަކްޓާގެ މައުލޫމާތު އެމްއެޗް370 އިން ދަތުރު ކުރި މީހުންގެ އާއިލާތަކަށް ހަފުތާއަކު އެއް ފަހަރު ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ދޭނެ ކަމަށެވެ.

އޯޝަން އިންފިނިޓީން ބޯއިން 777 ގެ ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ ޖެނުއަރީ ފަހު ކޮޅު އެވެ. އެ ކުންފުނިން ބުނެފައި ވަނީ މަސައްކަތް ފަށާތާ މަހެއްހާ ދުވަސްތެރޭ ބޯޓު ހޯދޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އެމްއެޗް370 ހޯދަން އޯޝަން އިންފިނިޓީ އަށް މެލޭޝިއާ އިން ދީފައި ވަނީ ތިން މަސް ދުވަހެވެ.

މެލޭޝިއާ ސަރުކާރާ އެކު އެއްބަސްވެފައިވާ ގޮތަށް ބޯޓު ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނެ އެންމެ ބޮޑު އަގަކީ 70 މިލިއަން ޑޮލަރެވެ. އެމްއެޗް370 ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭ އަގު ކަނޑައަޅާނީ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފައި ކަމަށެވެ. މި ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.

އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ ކުޑަ ސަރަހައްދެކެވެ. އެއީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ.

އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ. އެކަމަކު އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް ޖަމިއްޔާ އިން މިދިޔަ އެޕްރީލް މަހު ބުނެފައި ވަނީ ބޯޓު އޮންނާނެ ކަމަށް ލަފާކުރެވެނީ ބޯޓު ހޯދަން ކުރިން ބެލި ސަރަހައްދުގެ އުތުރުގައި ކަމަށެވެ.

މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.