ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ޒައިނަބުގެ ގާތިލް އިމްރާން.
17 ފެބުރުއަރީ 2018 - 15:40
އިސްލާމްއާބާދު (ފެބްރުއަރީ 17) - ޕާކިސްތާނުގައި ރޭޕްކުރުމަށް ފަހު ވަރަށް އަނިޔާކޮށް މަރާލި ކުޑަ އަންހެން ކުއްޖާ ޒައިބް އަންސާރީގެ ގާތިލް އިމްރާން އަލީ އަށް މަރުގެ ހަތަރު އަދަބު އިއްވައިފި އެވެ.
އިމްރާނުގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ކިޑްނެޕްކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގަ އެވެ. ހުކުމް އިސްތިއުނާފް ކުރުމަށް އޭނާ އަށް 15 ދުވަހުގެ މުހުލަތު ލިބޭނެ އެވެ. އުމުރުން 24 އަހަރުގެ އިމްރާންގެ މައްޗަށް ހުކުމް އިއްވި އިރު ޒައިނަބުގެ ބައްޕަ ކޯޓަށް ހާޒިރުވެ އިނެވެ.
ޒައިނަބުގެ ގާތިލް އިމްރާންގެ މައްޗަށް ވަނީ ލާހޯރުގެ ދެކުނުން އޮންނަ ކަސޫރު ސިޓީގެ އެހެން ބައެއް ކުދިން ރޭޕްކޮށް ރޭޕްކޮށް މެރުމުގެ ދައުވާ ވެސް އުފުލައިފަ އެވެ. އަލީގެ މައްޗަށް ތުހުމަތުކުރި އެހެން ދައުވާތަކުގެ ޝަރީއަތް ފަހުން ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުގެ ވަކީލް އިހްތިޝާމް ގާދިރު ޝާހު ވިދާޅުވި އެވެ.
ޕާކިސްތާނުގައި ރޭޕްކޮށް މަރާލި ޒަައިނަބް. --ފޮޓޯ:އޭއެފްޕީ
ޒައިނަބުގެ ގާތިލަކީ އިމްރާން އަލީކަން ޔަގީންވާ ވަރަށް ހެކި ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޒައިނަބް މަރާލާފައި އޮތް ތަނުން ފެނުނު ފޮރެންސިކް ހެކި އިމްރާނުގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކުށްތަކަށް އިމްރާން އެއްބަސްވުމުން އޭނާގެ ވަކީލް ވަނީ މައްސަލަތައް ދޫކޮށްލައިފަ އެވެ.
ޒައިނަބް މަރާލުމަށް ފަހު ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ ޖެނުއަރީ 9 ވަނަ ދުވަހު އެވެ. ނައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގާ ދެ މީހަކު ވަނީ މަރުވެފަ އެވެ. އަދި ޒައިނަބުގެ ގާތިލް ހޯދުމުގައި ފުލުހުން އިހުމާލްވެފައިވާ ކަމަށް ބުނެ ފުލުހުންނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.
ޒައިނަބުގެ އާއިލާ އިން ބުނެފައި ވަނީ ޒައިނަބު ގެއްލިގެން ހޯދި ފަސް ދުވަސް ތެރޭ ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރި ނަމަ އެ ކުއްޖާ ދިރިހުއްޓާ ފެނުނީސް ކަމަށެވެ. ޒައިނަބް ވަގަށް ނެގި އިރު އޭނާގެ މައިން ބަފައިން ވަނީ އުމްރާގެ އަޅުކަމަށް ގޮހެވެ. ޒައިނަބުގެ ގާތިލް އިމްރާން ހައްޔަރު ކުރީ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒްލިން
17 February 2018
މަރުގެ 4 އަދަބު އިއްވަންޖެހޭތަ. އެއް އަދަބުންވެސް ހުކުމް ތަންފީޒު ކުރެވޭނެނު.
ބޭމިސާލު
18 February 2018
އިސްތިއުނާފް މަރުހަލާގައި އެއްހުކުމެއް ބަދަލުވިޔަސް އަނެއްކާވެސް މަރުގެ ހުކުމެއް އޮންނާނެ ދޯ.
ލައި ނަޝީދު
18 February 2018
ނާޒްލިންމެންގެ ބޯ ހުންނަނީ ހަަމައެކަނި ފުނާއަޅަން އޮތަ؟