ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ސަލާމަތީ މަޖިލީހުގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
21 ފެބުރުއަރީ 2018 - 12:11
ޔުނައިޓެޑް ނޭޝަންސް (ފެބްރުއަރީ 21) - ބައިނަލްއަަގުވާމީ ސުލްހައިގެ ސަމިޓެއް ބޭއްވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި 2009 ވަނަ އަހަރުގެ ފަހުން ދެއްވި ފުރަތަމަ ތަގްރީރުގައި އައްބާސް ވިދާޅުވީ ސުލްހައިގެ ސަމިޓްވާން ޖެހޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ކޮށާ އާ މަގަކަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ސުލްހައިގެ ޕްރޮސެސްއެއްގެ ތެރޭން ފަލަސްތީން- އިޒްރޭލް ސުލްހައިގެ މަޝްވަރާތަކުގެ އާ ޕްލޭނެއް އައްބާސް ވަނީ ހުށަހަޅުއްވައިފަ އެވެ.
އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ ބަލައިގަންނަ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމާ އެކު ފަލަސްތީނުން ބުނެފައި ވަނީ ސުލްހައިގެ މެދުވެރިއެއްގެ ރޯލު އެމެރިކާ އަށް ދެން އަދާ ނުކުރެވޭނެ ކަމަށެވެ.
"ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް ގިނަ ގައުމުތައް ބައިވެރިވާ ބައިނަލްއަގުވާމީ މެކޭނިޒަމެއްގެ ތެރޭން ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމުގެ މުހިންމުކަން ބޮޑު،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި އިޒްރޭލާއި ފަލަސްތީނުގެ އިތުރުން ސަރަހައްދީ ގައުމުތަކާއި ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ އިތުރުން މެދުއިރުމަތީގެ ސުލްހައިގައި މުހިންމު ދައުރެއް އަދާކުރާ ހަތަރު ފަރާތް ކަމަށްވާ ޔޫރަޕިއަން ޔޫނިއަން އާއި ރަޝިޔާ، އެމެރިކާ އަދި އދ. އިން ވެސް ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ ބައްދަލުވުމުން އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ހޯދައިދިނުމުގެ މަގު ފަހިވާން ޖެހޭނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުގެ ތަގްރީރަށް ފަހު އައްބާސް ވަނީ ކައުންސިލުން ނުކުމެވަޑައިގެންފަ އެވެ. ރައްދުގައި އިޒްރޭލުގެ ސަފީރު ޑެނީ ޑެނޮން ވިދާޅުވީ މަޝްވަރާތަކަށް އައްބާސް "ފިއްލެވީ" ކަމަށެވެ.
އެމެރިކާގެ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ ރޯލާ ނުލައި ކުރިއަށް ދާން އުޅެފި ނަމަ ސުލްހައިގެ މަގުގައި ފަލަސްތީނު މީހުންނަށް ދެވޭ ނުދެވޭ ދިމާލެއް ނޭނގޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްތި
21 February 2018
ކީކޭ އެމެރިކާ ސަފީރު މިބުނީ؟ ތިމަންނަމެން ނެތީޔާ ދެވޭ ނުދެވޭ ދިމާއެއް ނޭގޭނޭތަ؟ އާނ އެމެރިކާ އޮތީޔާ ގައިމުވެސް އިގޭނެ އިޒްރޭލާ އެއްކޮޅަށް ފަލަސްތީނާ ދެކޮޅަށްކަން މިދެވެނީ... މިމީހުން މިމީހުން ނޫނިއްޔާ ކަންކަމަށް ކުފޫ ހަމަވާ ތަންދޮރު އިނގޭބަޔަކު ދެން ނެތްތަ؟ ޔާމީނުގެ ވިސްނުން މިމީހުންގެވެސް މިހުންނަނީ