އެމްއެޗް370 ހޯދުމުގެ މަސައްކަތް ޖޫން މަހު ނިންމާލެވޭނެ: އޮފިޝަލް

ކުއާލަ ލަމްޕޫރު (މާޗް 4) - ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ޖޫން މަހު މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.


މެލޭޝިއާގެ ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަޒަރުއްދީން އަބްދުއްރަހުމާން މިހެން ވިދާޅުވި އިރު އެމްއެޗް370 އިން ދަތުރުކުރި މީހުންގެ އާއިލާތަކުން ދަނީ ބޯޓު ގެއްލުނުތާ ހަތަރު އަހަރު ފުރުން ފާހަގަ ކުރަން ތައްޔާރުވަމުންނެވެ.

މެލޭޝިއާ އެއާލައިންސްގެ ޖެޓް މާޗް 8، 2014 ގައި ގެއްލުނީ ކުއާލަ ލަމްޕޫރުން ބެއިޖިން އަށް ދަތުރު ކުރަނިކޮށެވެ. ބޯޓުން 239 މީހުން ދަތުރުކުރި އެވެ.

ބޯޓު ހޯދަން ވަނީ އިންޑިއާ ކަނޑުގެ އަޑިން 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ބަލައިފަ އެވެ. މިއީ ދުނިޔޭގެ އޭވިއޭޝަން ތާރީޚުގައި ވެސް ބޯޓެއް ހޯދަން ކަނޑު އަޑިން ބެލި އެންމެ ބޮޑު ސަރަހައްދެވެ. އެ މަސައްކަތް މެދުކަނޑާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މެލޭޝިއާ ސަރުކާރުން މިހާރު ވަނީ އެމްއެޗް370 ހޯދުމުގެ މަސައްކަތް އެމެރިކާގެ އޯޝަން އިންފިނިޓީއާ ހަވާލުކޮށްފަ އެވެ. ބޯޓު ހޯދަން މިހާރު ބަލަމުން ދަނީ ކުރިން ބެލި ސަރަހައްދުގެ އުތުރުގެ ހިސާބުތަކެވެ. ހައި-ޓެކް އަށް ޑްރޯން ހަރުކޮށްފައިވާ އުޅަނދަކާ އެކު އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އޮފިޝަލުން އޭރު ބުނެފައި ވަނީ ބޯޓު ހޯދުމުގެ މަސައްކަތް ތިން މަސް ދުވަހު ތެރޭ ނިންމާލެވޭނެ ކަމަށެވެ.

އެކަމަކު އަޒަރުއްދީން އަބްދުއްރަހްމާން ވިދާޅުވީ އެމްއެޗް370 ހޯދުމުގެ މަސައްކަތް އިތުރު މަސްތަކަކަށް ދިގުލައިގެން ހިނގައިދާނެ ކަމަށާއި އެއީ ބޯޓަށް ތެޔޮ އަޅަން އިތުރު ދުވަސްތަކެއް ގެއްލޭތީ ކަމަށެވެ.

"މި މަސައްކަތް ޖޫން މަހު މެދުތެރޭ ނިންމާލެވޭނެ ކަމަށް މިހާރު މިބަލަނީ. އޭގެ ކުރިން ބޯޓު ހޯދޭނެކަމުގެ އުއްމީދު ބޮޑު،" އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ މަހުގެ ނިޔަލަށް ވަނީ ސާޗް އުޅަނދު ސީބެޑް ކޮންޓްރެކްޓާ އިން 8،200 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ކަނޑު އަޑިން ބަލައިފަ އެވެ. އޯޝަން އިންފިނިޓީން ބަލަން ހަމަޖެހިފައި ވަނީ 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެކެވެ. އެމްއެޗް370 ނުފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް އެއްވެސް ފައިސާއެއް ދޭކަށް ނުޖެހެ އެވެ.