މޮރިޝަސްގެ ރައީސާ އަމީނާ ފިރްދައުސް ގުރިބް ފާކިމް
14 މާޗް 2018 - 18:30
ޕޯޓް ލުއިސް (މާޗް 14) - ޗެރިޓީއަކުން ދިން ބޭންކް ކާޑަކުން އަމިއްލަ ބައެއް ތަކެތި ބައްލަވައިގަތް މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެފްރިކާގެ ގައުމެއްގެ ވެރިކަމުގައި ހުރި ހަމައެކަނި އަންހެނާ ކަމަށްވާ މޮރިޝަސްގެ ރައީސާ އަމީނާ ފިރްދައުސް ގުރިބް ފާކިމް އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް އެކަމަނާގެ ނިންމުން މިހާރު ބަދަލުކޮށްފި އެވެ.
ކުރިން ހަމަޖެހިފައި އޮތީ މި ހަފުތާގައި ފާހަގަ ކުރާ މޮރިޝަސްގެ މިނިވަންކަމުގެ 50 އަހަރުގެ ރަސްމިއްޔާތަށް ފަހު ފާކިމް އިސްތިއުފާ ދެއްވާ ގޮތަށެވެ. ނަމަވެސް މިހާރު އެކަމަނާ ވިދާޅުވަނީ ގޯސްކޮށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެހެންވެ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. ފާކިމްގެ އޮފީހުން ބުނެފައި ވަނީ ޗެރިޓީގެ ކްރެޑިޓް ކާޑުން ވިޔަފާރި ކުރެވުނީ އެކްސިޑެންޓަކުން ކަމަށާއި އެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށެވެ. ރިފަންޑްކޮށްފައި ވަނީ 27،000 ޑޮލަރެވެ.
ފާކިމްއަކީ މޮރިޝަސްގައި މަޝްހޫރު ސައެންސްވެރިއެކެވެ. މޮރިޝަސްގެ ވެރިކަމާ 2015 ވަނަ އަހަރު އެކަމަނާ ހަވާލުވެވަޑައިގެންނެވީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސްގެ ގޮތުގަ އެވެ.
މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދު ޖުގްނައުތު ކުރިން ވިދާޅުވެފައި ވަނީ ފާކިމް އިސްތިއުފާ ދެއްވަނީ ގައުމީ މަސްލަހަތު އިސްކުރުމުގެ ގޮތުން ކަމަށާއި މޮރިޝަސް އަކީ ޑިމޮކްރެސީގެ ދިރިހުރި ނަމޫނާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy