ގާޒާ ސިޓީގެ ބޯޑަރު ކައިރި އަށް ފަލަސްތީނު މީހުން ޖަމާވެފައި ވަނީ ލޭންޑް ޑޭ ފާހަގަ ކުރުމަށް. --ފޮޓޯ:އޭއެފްޕީ
30 މާޗް 2018 - 20:31
ގާޒާ ސިޓީ (މާޗް 30) - ހަ ހަފުތާ އަށް ދިގުދެމިގެންދާ އިހްތިޖާޖުގައި ފަލަސްތީނުގެ އެތައް ބަޔަކު ގާޒާގެ ބޯޑަރަށް މިއަދު ޖަމާވިއިރު ހިންގި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ ހަތް މީހުން ޝަހީދުވެފަ އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ގިނަ މީހުން ޝަހީދުވެފައި ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ކަމަށެވެ. ހަމަނުޖެހުމުގައި ވަނީ 1،100 މީހުން ޒަޚަމްވެފަ އެވެ. "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފަލަސްތީނުން ފެށި އިހްތިޖާޖުގައި ވަނީ ބޯޑަރު ކައިރީ ފަސް ކޭމްޕް ގާއިމްކޮށްފަ އެވެ. ފަލަސްތީނު މީހުން ޑިމާންޑް ކުރަމުން ދަނީ އިޒްރޭލުގައި މިހާރު ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީން އެ މީހުންގެ ގެދޮރަށް އަނބުރާ ގެނައުމަށެވެ. އިހްތިޖާޖް ނިންމަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު އެވެ. އެއީ ފަލަސްތީނުން ކިޔާ ގޮތުން ނަކްބާ ނުވަތަ ހަލާކުގެ ދުވަހެވެ. ނުވަތަ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ދުވަހެވެ.
ބޯޑަރު ކައިރި އަށް އިޒްރޭލުން ވަނީ ޓޭންކާއި ސްނައިޕަރުން ފޮނުވާފައި. --ފޮޓޯ:އޭއެފްޕީ
އިޒްރޭލުން ބުނެފައި ވަނީ ބޯޑަރުގެ ފަސް ސަރަހައްދެއްގައި ހަމަނުޖެހުންތައް ހިންގަމުންދާ ކަމަށެވެ. އަދި ހަމަލާ ދެނީ އިހްތިޖާޖުގައި އިސްކޮށް އުޅޭ މީހުންނަށް ކަމަށް ބުނެފައިވެ އެވެ. އިޒްރޭލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ ބޯޑަރުގެ ފެންސްގެ ފަސް ސަރަހައްދަކަށް ފަލަސްތީނުގެ 17،000 މީހުން ޖަމާވެފައިވާ ކަމަށެވެ. އިޒްރޭލުން ބުނީ ހަމަލާ ދެނީ އިހްތިޖާޖް ކުރާ މީހުން ބޮޑު ހަމަނުޖެހުމެއް ހިންގަފާނެތީ އެކަން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. ބޯޑަރު ކައިރިން މީހުން ދުރަށް ޖެއްސުމަށް އިޒްރޭލުން ދަނީ ކަރުނަ ގޭސް ވެސް ޖަހަމުންނެވެ. އިހްތިޖާޖް ފެށުމުގެ ކުރިން އިޒްރޭލުން ވަނީ ބޯޑަރު ކައިރި އަށް ސްނައިޕަރުންނާއި ޓޭންކްތައް ފޮނުވައިފަ އެވެ.
ޒަޚަމްވި މީހަކު ބޯޑަރު ސަރަހައްދުން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
31 March 2018
ގުދުސަކީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރާ ތައުހީދުގެ އަހުލުވެރިންގެ ބިމެއް. އެއީ ޝިރުކާ އަނިޔާވެރިކަމުގެ އަހުލުވެރިންގެ ބިމެއް ނޫން. ތިއަ ޔަހޫދީންނަކީ ހަޤީޤަތުގާ މޫސަގެފާނަށްވެސް ތައުރާތައްވެސް ތަބާވާ ބައެއްނޫން. އެހެންވީމާ އެ މުޖުރިމުން އެބިމުން ނެރޭނެކަމީ ޝައްކެއް އޮތްކަމެއްނޫން. ފަލަސްތީނަށް ﷲ މިނިވަންކަން މިންވަރުކުރައްވާށި.
ސޮކްތެރެޕީ
31 March 2018
ފަަލަސްތީން މިނިވަންވާން ވަރައްކައިރި.
އީމަން
30 March 2018
ތިޔަ ބޯޑަރު ކައިރިއަށް އެއްވެތިބީ ތަނުގެ ވެރިން، ބޯޑަރު އެތެރޭގާ ތިބީ މުޖުރިމުންނެވެ.