ގާޒާ (އެޕްރީލް 7) - ގާޒާ ބޯޑަރުގައި އިހްތިޖާޖް ކުރަމުން ދިޔަ ފަލަސްތީނު މީހުންނަށް އަމާޒުކޮށް އިޒްރޭލުން ބަޑިޖެހުމުން ވަޒަން އެރި ނޫސްވެރިޔާ ޝަހީދުވެއްޖެ އެވެ.
އިޒްރޭލް ސިފައިންގެ ހަމަލާ އަރާފައި ވަނީ ގާޒާގައި ހިންގާ އައިން މީޑިއާ އެޖެންސީގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޔާސިރު މުރްތަޖާގެ ބަނޑަށެވެ. މުރްތަޖާ، 30، އަށް ހަމަލާދީފައި ވަނީ ނޫސްވެރިއެއްކަން އަންގައިދިނުމަށް "ޕްރެސް" ޖަހާފައިވާ ޖެކެޓްލައިގެން ހުއްޓަ އެވެ. ހަމަލާ އެރުމާ އެކު އޭނާ ވަނީ ބިންމައްޗަށް ވެއްޓިފަ އެވެ.
ހުކުރު ދުވަހުގެ އިހްތިޖާޖްގައި ފަލަސްތީނުން ވަނީ ނުވަ މީހުން ޝަހީދުވެފަ އެވެ. ފަލަސްތީނުގެ އިހްތިޖާޖް މާޗް 30 ވަނަ ދުވަހު ފެށި ފަހުން އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 31 މީހުން ޝަހީދުކޮށްލައިފަ އެވެ. އިއްޔެގެ ހަމަލާތަކުގައި ވަނީ 491 މީހުން ޒަޚަމްވެފައި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްޑޯ ލިބާމަން ވަނީ ގާޒާގެ ބޯޑަރަށް ކައިރިވާ ފަލަސްތީނުގެ ކޮންމެ މީހެއްގެ ފުރާނަ އަށް ނުރައްކާކުރާނެ ކަމަށް ވިދާޅުވެ އިންޒާރު ދީފަ އެވެ.
ފަލަސްތީނުގެ އިހްތިޖާޖް އަންނަ މަހު 15 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.