ގާޒާ ބޯޑަރުގައި ޓަޔަރު އަންދަނީ. --ފޮޓޯ:އަލް ޖަޒީރާ
20 އެޕްރީލް 2018 - 15:05
ގާޒާ (އެޕްރީލް 20) - ގާޒާ ބޯޑަރުގައި ފަލަސްތީނުން ކުރިއަށް ގެންދާ "ގްރޭޓް މާޗް އޮފް ރިޓާން" ގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ބޯޑަރަށް މިއަދު ޖަމާވާން ފަށާފައިވާ އިރު އިޒްރޭލުން އިންޒާރު ދީފި އެވެ.
މާޗް މަހު 30 ވަނަ ދުވަހު ފަލަސްތީނުގެ އިހުތިޖާޖް ފެށި ފަހުން އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ 35 މީހުން ޝަހީދުކޮށްލައިފަ އެވެ. އަދި 4،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އިޒްރޭލުން މިއަދު ދަނީ ގާޒާ ބޯޑަރާ ކައިރިނުވުމަށް އިންޒާރު ދިނުމުގެ ގޮތުން ފަލަސްތީނުގެ އެކި ހިސާބުތަކަށް ލުއި ފޮތްތައް އަޅަމުންނެވެ. މިއީ އެންމެ ފަހުގެ އިހްތިޖާޖްތައް ފެށުމުން އިޒްރޭލަށް މި ގޮތަށް އިންޒާރު ދިން ފުރަތަމަ ފަހަރެވެ.
ގާޒާ ބޯޑަރުގައި ޓަޔަރު އަންދަނީ. --ފޮޓޯ:އަލް ޖަޒީރާ
އިޒްރޭލުން ވަނީ ގާޒާ ބޯޑަރު ކައިރިއަށް ގިނަ އަދަދެއްގެ ސްނައިޕަރުން ވެސް ޖަމާކޮށްފަ އެވެ. ފަލަސްތީނު މީހުން މިއަދު ދަނީ ސްނައިޕަރުންނަށް ބޯޑަރުގައި ހިނގާ ކަންކަން ރަނގަޅަށް ސާފު ނުވާނެ ގޮތަށް އެ ސަރަހައްދުގައި ޓަޔަރު އަންދަން ފަށައިފަ އެވެ.
ހަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އިހްތިޖާޖް ނިންމާލަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު، އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ނަކްބާ ނުވަތަ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy