ގާޒާ (މެއި 15) - ތެލް އަވީވުގައި ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުން އިޒްރޭލުގެ ވެރިން ދަނީ އުފާ ފާޅު ކުރަމުންނެވެ. ފަލަސްތީން މީހުން އިހްތިޖާޖުގަ އެވެ.
އެމްބަސީ ބަދަލު ކުރުމާ ދެކޮޅަށް ހަޅުތާލަށް ނުކުތް ފަލަސްތީން މީހުން ގަޔަށް ބަޑިޖަހާ އިއްޔެ ވަނީ 55 މީހުން ޝަހީދުކޮށްލައި 2،400 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވައުދު ފުއްދައިދިނީތީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
"ރައީސް ޓްރަމްޕް ވަނީ ތާރީޚުން ޖާގަ ހޯއްދަވާފައި،" ނަތަންޔާހޫ ވިދާޅުވި އެވެ. "މިއީ ސުލްހަ އަށް ރަނގަޅު ދުވަހެއް."
އެމްބަސީގެ ބޭރުގައި އިހްތިޖާޖް ކުރި ފަލަސްތީން މީހުން ވަނީ ގުދުސް މިނިވަން ކުރަން ގޮވާލައިފަ އެވެ. އެމީހުން ވަނީ ޓްރަމްޕުގެ ގާނޫނާޚިލާފު ނިންމުމަށް ނޫނެކޭ ބުނުމަށް ގޮވާލައިފަ އެވެ. އަދި އެއީ ޓްރަމްޕުގެ އަމިއްލަ ބިމެއް ނޫން ކަމަށް އިހްތިޖާޖަށް ނުކުތް މީހުން ވަނީ ބުނެފަ އެވެ.
ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ މެންބަރު ވާސިލް އަބޫ ޔޫސުފް ވިދާޅުވީ އިހްތިޖާޖް އަދިވެސް ކުރިއަށް ދާނެ ކަމަށާއި މިއަދު ވެސް ވަރުގަދަ އިހްތިޖާޖެއް ކުރާނެ ކަމަށެވެ.
"މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އެމެރިކާ އިން ކުރި ކަމެއް. ގުދުސް އަކީ ޓްރަމްޕުގެ ބިމެއް ނޫން،" ގުދުސްގައި ދިރިއުޅޭ ފަލަސްތީން މީހަކު ބުންޏެވެ.