ގާޒާގެ މަސްވެރިންނަށް ވަކި ސަރަހައްދެއްގެ ބޭރުން މަސްވެރިކަން ކުރުން އިޒްރޭލުން އޮންނަނީ މަނާކޮށްފައި. --ފޮޓޯ:އީޕީއޭ
28 މެއި 2018 - 11:18
ގާޒާ (މެއި 28) - ގާޒާ ބޯޑަރު ވަށައިގެން ކަނޑުތޮއްޓެއް ލުމުގެ މަސައްކަތް އިޒްރޭލުން ފަށައިފި އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނީ ބޭނުމަކީ ގާޒާގައި އުޅޭ ފަލަސްތީން މީހުން އިޒްރޭލުގެ ސަރަހައްދަށް ވަނުން ހުއްޓުވުން ކަމަށެވެ. ގާޒާ ބޯޑަރުގައި ބެރިއަރު ހަދަނީ ކަނޑުތޮއްޓެއް ލުމަށް ފަހު މަތީގައި ކަށިނަރު ދަމާ ގޮތަށެވެ. ތޮށިގަނޑު ލަނީ ގާޒާގެ އުތުރުން ވަކި ސަރަހައްދެއްގަ އެވެ. އަދި އެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަން އިޒްރޭލުން ދަނީ މަސައްކަތް ކުރަމުންނެވެ.
"މިއީ ދުނިޔޭގައި ވެސް މި ގޮތަށް ހަދާ ފުރަތަމަ ބެރިއަރު. މި ބެރިއަރު ނިމުމުން ގާޒާގައި ތިބޭ މީހުން ކަނޑު މަގުން އިޒްރޭލަށް ވަނުން ހުއްޓުމަކަށް އަންނާނެ،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. "މިއީ ހަމާސް ޖަމާއަތަށް ވެސް ކުރިމަތިވާނެ ގެއްލުމަކަށް ވާނެ."
އިޒްރޭލުގެ މީޑިއާތަކުން ބުނީ ގާޒާ ބޯޑަރުގައި ކަނޑުތޮއްޓެއް ލާން އިޒްރޭލުން ބޭނުން ވަނީ 2014 ވަނަ އަހަރުގެ ގާޒާ ހަނގުރާމަ އަށް ފަހު ކަމަށެވެ. އިޒްރޭލުން ބުނެފައި ވަނީ ގާޒާ ހަނގުރާމައިގެ ދުވަސްވަރު ހަމާސްގެ ހަނގުރާމަވެރިން ކަނޑުމަގުން އިޒްރޭލަށް ވަދެފައިވާ ކަމަށެވެ.
ގާޒާގެ ވަކި ސަރަހައްދަކަށްވުރެ ބޭރަށް ގާޒާގެ މަސްވެރިން ނުކުތުމުން ވެސް އިޒްރޭލުން އޮންނަނީ މަނާކޮށްފަ އެވެ.
ހަމާސް އިން މިހާރު ދަނީ އިޒްރޭލުން 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމަ ނިމުނުތާ 51 އަހަރު ފާހަގަ ކުރަން ޖޫން 5 ވަނަ ދުވަހު ބޮޑު އިހްތިޖާޖެއް ކުރަން ތައްޔާރުވަމުންނެވެ. ހަ ދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން ވަނީ ގާޒާ ސްޓްރިޕް، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސް ހިފައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފް
28 May 2018
ބޭނުންވަނީ ފަލަސްތީން މީހުން އެސަރަހައްދުން އެހެން ގައުމަކަށް ފޮނުވާލުމަށެވެ.
އީމަން
28 May 2018
އިޒްރޭލުގެ ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން ވިދާޅުވަނީ ގާޒާގައި ތިބޭ ފަލަސްތީން މީހުން އިޒްރޭލަށް ވަނުން ހުއްޓުމަކަށް އަންނާނެކަމަށެވެ. އަވިގްދޯ ލީބަމަންއައް އިގިލައްވާތޯ އިޒްރޭލްއޭ ތިކިޔާ ސަރަހަދު އަކީ ފަލަސްތީން އާމުންގެ އަތުން ޔަހޫދީން ފޭރިގަނުފައިވާ ފަލަސްތީން މީހުންގެ ތާއަބަދުގެ ތަރިކައެވެ. އަވިގްދޯ ލީބަމަންއައް އަބަދުވެސް ގަދަބާރު ދަކައިގެން ދުވަހަކުވެސް ސުލްހައެއް ނެތި ތިބެވިދާނެއެވެ. އެކަމަކު ފަލަސްތީން މީހުންގެ ބިމެއް އަވިގްދޯ ލީބަމަންއަކަށް މިލްކެއް ނުވާނެއެވެ.