ގާޒާގެ އުތުރުގެ ބައެއް ހިސާބުތަކަށް އިޒްރޭލުން މިއަދު ވައިގެ ހަމަލާތައް ދެނީ. --ފޮޓޯ:އޭއެފްޕީ
03 ޖޫން 2018 - 16:55
ގާޒާ (ޖޫން 3) - ފަލަސްތީނުގެ ގާޒާ ސްޓްރިޕްގައިވާ ހަމާސް ޖަމާއަތުގެ އަމާޒުތަކަށް އިޒްރޭލް ސިފައިން ވައިގެ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުން ވައިގެ ހަމަލާދީފައި މި ވަނީ ގާޒާ އިން ފޮނުވާލި ރޮކެޓް ހަމަލާތަކެއްގެ ބަދަލު ހިފުމަށެވެ. އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ވަނީ ހަމާސްގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑްސްގެ 15 އަމާޒަކަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
އިޒްރޭލުން މި ހަމަލާތައް ދީފައި މިވަނީ ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާއި ހަމާސް އިން މިދިޔަ މަހު 30 ވަނަ ދުވަހު އެއްބަސްވެފައި ވަނިކޮށެވެ. އިޒްރޭލުން މިދިޔަ ހަފުތާގައި ވަނީ ހަމާސް އާއި އިސްލާމިކް ޖިހާދުގެ 35 އަށް ވުރެ ގިނަ ތަންތަނަށް ހަމަލާދީފަ އެވެ. އިސްލާމިކް ޖިހާދުން ވަނީ އެ ޖަމާއަތުގެ މެންބަރުންނަށް އިޒްރޭލުން މިދިޔަ މަހު ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިންޒާރު ދީފަ އެވެ.
އިޒްރޭލުން ވައިގެ ހަމަލާތައް ދީފައި ވަނީ އެހީދިނުމުގެ މަސައްކަތުގައި އުޅުނު ފަލަސްތީނުގެ ޒުވާން ނަރުހެއް ކަމަށްވާ ރަޒާން އަލް ނައްޖާރު ޝަހީދުކޮށްލައިފައި ވަނިކޮށެވެ. މާޗް 30 ފެށިގެން ފަލަސްތީނުން ކުރަމުންދާ އިހްތިޖާޖްގައި އިޒްރޭލް ސިފައިން ހަމަލާދީ ވަނީ 120 މީހުން ޝަހީދުކޮށްލައިފަ އެވެ. އަދި 13،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
04 June 2018
މިހުރހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ސައޫދީއަރަބިޔާގެ ރަސްގެފާނު