ދުނިޔެ / ގާޒާ

ޚިދުމަތްތެރި ނަރުހުގެ މަރާ އެކު ގާޒާގައި ހިތާމަ

ރަޒާން ނައްޖާރުގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރި ވަނީ. --ފޮޓޯ:އަލް ޖަޒީރާ

ގާޒާ (ޖޫން 3) - ލޮލުން ފޭދެމުން ދިޔަ ކަރުނައާ އެކު ސަބްރީން އަލް ނައްޖާރު އޭނާގެ ދަރިފުޅުގެ އެންމެ ފަހުގެ ބަސްތަކުގެ މަތިން ހަނދާން އާކުރަމުން ދިޔަ އެވެ.

"އެންމެ ފަހުން ގެއިން ނުކުންނަމުން އަޅުގަނޑާ ދިމާލަށް ހެވިލާފައި ހުރެ ބުނެލީ މި ދަނީ އިހްތިޖާޖަށް ކަމަށް،" އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި މީހަކަށް ފަރުވާ ދޭން ދަނިކޮށް ސްނައިޕަރަކު ހަމަލާދީ ޝަހީދުކޮށްލި ޒުވާން ނަރުސް ރަޒާން އަލް ނައްޖާރުގެ މަންމަ ސަބްރީން، 43، ބުންޏެވެ. "ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭނާ ގެއިން ބޭރަށް ނުކުމެއްޖެ. ދަރިފުޅު ފެނޭތޯ އަހަރެން ބެލްކަންޏަށް ވެސް ނުކުތިން. އެކަމަކު އޭނާ އޭރު މަގު ކޮޅާ ހަމައަށް ހިނގައްޖެ. ހީނަވަނީ ދޫންޏެއް އުދުހިލާފައި ދިޔަހެން."

ރަޒާންގެ މަންމަ ސަބްރީން (ކ-ދެވަނަ) ޖަނާޒާގައި ހިތާމަ ފާޅުކުރަނީ. --ފޮޓޯ:އަލް ޖަޒީރާ

އުމުރުން 21 އަހަރުގެ ނައްޖާރަކީ މާޗް 30 ވަނަ ދުވަހު ފަލަސްތީނުގެ އިހްތިޖާޖް ފެށި ފަހުން އެންމެ ހަރަކާތްތެރި އެއް ނަރުހެވެ.

މަންޒަރު ދުށް މީހުން ބުނެފައި ވަނީ ރަޒާން ނައްޖާރުގެ ގަޔަށް ވަޒަން ޖެހީ ފެންސް ކައިރިއަށް ވެއްޓުނު މީހަކަށް ފަރުވާ ދޭން އޭނާ ދަނިކޮށް ކަމަށެވެ. އޭނާ ދިޔައީ ދެ އަތް މައްޗަށް ނަގައިގެން އިޒްރޭލް ސިފައިންނަށް އަމާން ދީގެންނެވެ. ރަޒާްާންނައްޖާރުގެ ނިޔަތަކީ ޒަޚަމްވެގެން ވެއްޓިފައި އޮތް މީހަކަށް ފަރުވާ ދިނުމެވެ. އެކަމަކު އިޒްރޭލް ސިފައިންގެ ބަޑީގެ އުންޑަތަކުގެ އަމާޒަކަށްވެ އޭނާ ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

ރަޒާންނައްޖާރަކީ ފަލަސްތީނުގެ އިހްތިޖާޖް މާޗް30 ވަނަ ދުވަހު ފެށި ފަހުން އިޒްރޭލުން ޝަހީދުކޮށްލި 119 ވަނަ މީހާ އެވެ.

ރަޒާން އަލް ނައްޖާރު (މެދުން ކަނާތް ފަރާތުގައި) ޒަޚަމްވި މީހަކަށް ފަރުވާ ދިނުމުގައި. --ފޮޓޯ:އޭއެފްޕީ

ރަޒާން ނައްޖާރާ އެކު މަސައްކަތް ކުރި ވޮލަންޓިއަރެއް ކަމަށްވާ ރިދާ ނައްޖާރު ބުނީ ރަޒާންގެ ގަޔަށް ވަޒަން އެރި އިރު އޭނާ ހުރީ ކައިރީގައި ކަމަށެވެ.

"ބަލި މީހާ ކައިރި އަށް ދަނިކޮށް އިޒްރޭލް ސިފައިން ފުރަތަމަ ޖެހީ ކަރުނަ ގޭސް. އޭގެ ފަހުން ސްނައިޕަރަކު ރަޒާން އަށް އަމާޒުކޮށް ހަމަލާދިނީ،" އުމުރުން 29 އަހަރުގެ ރިދާ ނައްޖާރު ބުންޏެވެ. "ހަމަލާ އެރި ކަމެއް ރަޒާން އަކަށް ފުރަތަމަ ނޭނގޭ. އޭގެ ފަހުން އޭނާ ބުނީ ވަޒަން އަރައިފިއޭ. ދެން އިރުކޮޅަކުން ފެނުނީ ރަޒާން ވެއްޓިފައި އޮއްވާ."

ރިދާ ބުނީ އެ މީހުން ލައިގެން ތިބި ޖެކެޓާއި ހިފައިގެން ތިބި މެޑިކަލް ދަބަހަށް ބަލައިލިއަސް އެއީ ސިއްހީ އެހީތެރިންކަން އެނގޭނެ ކަމަށެވެ. އަދި އެ މީހުންނާ އެކު އިހްތިޖާޖްގައި ބައިވެރިވި އެކަކު ވެސް ނެތް ކަމަށް ރިދާ ބުންޏެވެ.

ރަޒާންއާ އެކު މަސައްކަތް ކުރި އެކުވެރިން ހިތާމައިގައި. --ފޮޓޯ:ރޮއިޓާސް

އެޕްރީލް 20 ވަނަ ދުވަހު އަލް ޖަޒީރާ އަށް ދިން އިންޓަވިއުއެއްގައި ރަޒާން އަލް ނައްޖާރު ބުނެފައި ވަނީ އިހްތިޖާޖްގައި ބައިވެރިވުމާއި ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަކީ އޭނާގެ ވާޖިބެއް ކަމަށް ގަބޫލް ކުރާ ކަމަށެވެ. ނިއު ޔޯކް ޓައިމްސް އަށް މިދިޔަ މަހު ދިން އިންޓަވިއުއެއްގައި ރަޒާން ނައްޖާރު ބުނެފައި ވަނީ ޒަޚަމްވާ މީހުންނަށް ފަރުވާ ދިނުމަކީ ގައުމަށްޓަކައި އޭނާ ކޮށްދޭ ޚިދުމަތެއް ކަމަށެވެ.

ސަބްރީން ބުނީ އިހްތިޖާޖް ފެށި ފަހުން އޭނާގެ ދަރިފުޅު ފެންނަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަނިކޮށް ކަމަށެވެ.

"ރަޒާން އަކީ ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި ބުރަކޮށް އުޅުނު ކުއްޖެއް. އޭނާއަކީ ހަތިޔާރު ގެންގުޅުނު ކުއްޖެއް ނޫން. އެހީ ސިއްހީ އެހީތެރިއެއް. އޭނާގެ ޚިދުމަތް ވަނީ އެތައް ބަޔަކަށް ލިބިފައި،" ސަބްރީން ބުންޏެވެ.

ލެއިން ތަތްތެޅިފައިވާ ނައްޖާރުގެ ޖެކެޓް ހިފައިގެން އޭނާގެ ބައްޕަ. --ފޮޓޯ:އޭއެފްޕީ

ރެޑް ކްރޮސެންޓް މެޑިކަލް ޓީމުގެ ޑިރެކްޓަރު މުހައްމަދު އަލް ހިއްސީ ވިދާޅުވީ ވަޒަން އެރުމާ އެކު ރަޒާން އަށް ފަރުވާ ދޭން ވަގުތުން މަސައްކަތް ކުރި ކަމަށެވެ. އަދި ސިއްހީ އެހީ ދިނުމުގައި އުޅޭ މީހުންނަށް ހަމަލާ ދިނުމަކީ ފޯތު ޖެނީވާ ކޮންވެންޝަނުގެ ދަށުން ހަނގުރާމައިގެ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނީ ފަލަސްތީނުގެ އިހްތިޖާޖް މާޗް 30 ވަނަ ދުވަހު ފެށި ފަހުން އިޒްރޭލުން ވަނީ ފަލަސްތީނުގެ 238 ސިއްހީ އޮފިޝަލުންނާއި 38 އެމްބިއުލެންސަށް ހަމަލާ ދީފައި ކަމަށެވެ.

ރަޒާން ނައްޖާރުގެ ޖަނާޒާ ހޮނިހިރު ދުވަހު ބޭއްވި އިރު އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފަ އެވެ. ރަޒާންގެ ސަންދޯކާ އެކު ހުރެ ލެއިން ތަތްތެޅިފައިވާ ރަޒާންގެ ޖެކެޓް ދައްކާލަމުން ސަބްރީން ބުނީ ރަޒާންގެ ހަތިޔާރަކީ އެއީ ކަމަށެވެ. ޖެކެޓުގެ ޖީބުތަކުގައި ހުރި ގޯޒް އަދި ބެންޑޭޖްތައް ހުސް ކުރަމުން ވެސް ސަބްރީން ބުނީ އޭނާގެ ދަރިފުޅު ގެންގުޅުނު ހަތިޔާރަކީ އެއީ ކަމަށެވެ.

2 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 97%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބްރޯކަންހާރޓް

04 June 2018

ހުރި ހިތާމައެެއްގެ ބޮޑު ކަމާއެވެ. ރަޒާން ގެ މަންމައަށް ކެތްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

ދެރަ

03 June 2018

ރަޒާން އަށް ސުވަރުގޭގެ ދާއިމީ ނިއުމެއް މިންވަރު ކުރައްވާށި. އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454