އިޒްރޭލުން އެޅި ފިޔަވަޅުތަކާ ގުޅިގެން އަގްސާ މިސްކިތަށް ވަނުމަށް ދެކޮޅު ހެދި މީހުން ލަޔަންސް ގޭޓުގެ ބޭރުގައި ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
12 ޖޫން 2018 - 11:40
ރަމަޟާން މަހުގެ 27 ވިލޭރޭ ފާހަގަ ކުރުމަށް، ގުދުސްގެ މަސްޖިދުލް އަގްސާ އަށް ރެކޯޑް އަދަދަކަށް ރޭ މީހުން ޖަމާވެއްޖެ އެވެ.
އަގްސާ މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި އިޒްރޭލު ސިފައިން ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވާ އިރު ވެސް، 350،000 މީހުން އަގްސާ މިސްކިތުގައި ރޭ އަޅުކަމުގައި ބައިވެރިވި ކަމަށް ފަލަސްތީނުގެ ދީނީ ކަންކަމާ ބެހޭ ވުޒާރާ އިން ބުންޏެވެ.
ލައިލަތުލް ގަދްރި ވިލޭރޭގެ ދަރުމަ އާއި ސަވާބު ހޯދުމަށް އެދި މިހާ ގިނަ އަދަދެއްގެ ބަޔަކު މަސްޖިދުލް އަގްސާގައި ރަމަޟާން މަހުގެ 27 ވިލޭރޭ ފާހަގަ ކުރި މިއީ ފުރަތަމަ ފަހަރެވެ. އިއްޔެގެ މެންދުރު ފަހުން ފެށިގެން، ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކުން އަގްސާ މިސްކިތަށް މީހުންތައް ދަތުރު ކުރަމުން ދިޔަ އެވެ.
އިޒްރޭލު ސިފައިން އިއްޔެ ހެނދުނުން ފެށިގެން ގުދުސްގެ އެކި ސަރަހައްދުތަކުގައި ޗެކްޕޯސްޓްތައް ހަދައި، އަގްސާ މިސްކިތަށް ދާ މީހުން ބަލައި ފާސްކުރަމުން ދިޔަ އެވެ. އަދި އަގްސާ މިސްކިތަށް ވަނުމަށް ހުއްދަ ދެނީ އިޒްރޭލު ސިފައިން ކަނޑައަޅާފައިވާ ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށެވެ.
އެ ގޮތުން ފަލަސްތީނުގެ ޒުވާނުންނަށް އެ ފުރުސަތު ނުދިނުމަށް ވަނީ ނިންމައިފަ އެވެ. ވަކިން ޚާއްސަކޮށް މުޒާހަރާތަކުގައި ބައިވެރިވާ ކަމަށް ފާހަގަ ކުރެވޭ މީހުންނާއި އުމުރުން 40 އަހަރަށް ވުރެ ހަގު މީހުންނަށް އެ ފުރުސަތެއް ނުދެ އެވެ.
މި ރަމަޟާން މަހުގެ ދުވަސްތަކުގެ ތެރެއިން އެންމެ ގިނަ މީހުން އަގްސާ މިސްކިތަށް ދަނީ ކޮންމެ ހުކުރު ދުވަހަކު އެވެ. އެ ގޮތުން މި ރޯދަ މަހުގެ ފުރަތަމަ ހުކުރުގައި 120،000 މީހުން ދެ ވަނަ ހުކުރުގައި 200،000 މީހުން އަދި ތިން ވަނަ ހުކުރުގައި 250،000 މީހުން އަގްސާ މިސްކިތަށް ދިޔަ އެވެ. އަދި ލަފާ ކުރެޥޭ ގޮތުގައި އެންމެ ފަހު ހުކުރުގައި 280،000 މީހުން ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy