ހޮހަޅައިގެ ތެރެ އަނދިރިވުމުން ގެއްލުނު ކުދިން ހޯދަން ވަނީ ދަތިވެފައި. --ފޮޓޯ:އީޕީއޭ
26 ޖޫން 2018 - 16:26
ބެންކޮކް (ޖޫން 26) - ތައިލެންޑުގެ ހޮހަޅައެއްގެ ތެރޭގައި ތާށިވި ކަމަށް ބެލެވޭ ޒުވާން ފުޓުބޯޅަ ޓީމުގެ މެންބަރުން ސަލާމަތުން ތިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރުގެ ނައިބް ޕްރަވިތު ވޮންގްސުވޮން ވިދާޅުވެއްޖެ އެވެ.
އުމުރުން 11 އަހަރާއި 16 އަހަރުގެ ކުދިން ފުޓުބޯޅަ ޓީމުގެ 25 އަހަރުގެ ކޯޗާ އެކު ޗިއަން ރައި ޕްރޮވިންސްގެ ތަމް ލުއާން ނަންގް ނޮން ހޮހަޅަ އަށް ވަދެފައި ވަނީ ހޮނިހިރު ދުވަހު އެވެ. އެ މީހުން ހޮހަޅަ އަށް ވަނީ ބޮޑު ކޮޅިގަނޑަކުން ސަލާމަތްވުމަށް ކަމަށްވެ އެވެ. އެ ކުދިން ހޮހަޅަ އަށް ވަތް ފަހުން ވަނީ އެ ހޮހަޅައާ ގުޅިފައިވާ ކޯރެއްގައި ފެންބޮޑުވެފަ އެވެ. އެހެންވެ ހޮހަޅައިގައި ވެސް ފެންބޮޑުވެ އެ ކުދިން ސަލާމަތްވާން ހުރަސް އެޅިފައިވާ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.
ތައިލެންޑުގެ ނޭވީ ޑައިވަރުން މިއަދު ވެސް ވަނީ ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ކޮށްފައި. --ފޮޓޯ:އީޕީއޭ
ޑައިވަރުން މިއަދު ވެސް ވަނީ އެ ކުދިން ހޯދަން ހޮހަޅައިގެ ތެރޭގައި ފީނައިފަ އެވެ. ކަމާ ބެހޭ އޮފިޝަލުން ވަނީ ޕަންޕު ޖަހައިގެން ހޮހަޅައިން ފެން ހިއްކައިފަ އެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހެމުންދާތީ ފެންގަނޑު އަޑިވާލެއް ލަހެވެ. އެ ކުދިން ހޯދުމުގެ މަސައްކަތް ކުރާ ރޯޔަލް ތައި ނޭވީން ދަނީ އަންޑަވޯޓާ ޑްރޯން ވެސް ބޭނުން ކުރަމުންނެވެ. ވިއްސާރަ މޫސުމުގައި އެ ހޮހަޅައިގައި 16 ފޫޓަށް ފެންބޮޑުވެ އެވެ.
އެ ކުދިންގެ އާއިލާތަކުން ވަނީ މިއަންމާ ބޯޑަރު ކައިރީގައިވާ ހޮހަޅައިގެ ބޭރުގައި ކޭމްޕް ޖަހައިފަ އެވެ. ހޮހަޅައިގެ ބޭރުން ވަނީ އެ ކުދިން ބޭނުން ކުރި ބައިސްކަލްތަކާއި ސްޕޯޓްސް ސާމާނުތައް ފެނިފަ އެވެ.
ބޮޑުވަޒީރުގެ ނައިބް ވިދާޅުވީ އެ ކުދިން ދިރި ތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަަދި އެ ކުދިން ކާނެ އެއްޗެއް އަތުގައި ނެތް ނަމަވެސް ފެން ބޮއެގެން ތިބެފާނެ ކަމަށް ވެސް ބޮޑު ވަޒީރުގެ ނައިބް ލަފާ ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy