ހޮހަޅައިގެ ތެރޭގައި ފެންބޮޑުވުމުން ކުދިން ހޯދުމުގެ މަސައްކަތަށް ދަނީ ހުރަސް އެޅެމުން.
28 ޖޫން 2018 - 11:19
ބެންކޮކް (ޖޫން 28) - ބޯކޮށް ވާރޭވެހި ފެންގަނޑު ބޮޑުވަމުންދާތީ، ތައިލެންޑުގެ ހޮހަޅައެއްގެ ތެރޭގައި ތާށިވި ޒުވާން ފުޓުބޯޅަ ޓީމުގެ މެންބަރުން ސަލާމަތް ކުރަން ހުރަސްތައް ކުރިމަތިވެއްޖެ އެވެ.
ފެންބޮޑުވެ ހޮހަޅަ އަށް ވަންނަ ދިމާ ވެސް ވަނީ ބެދިފަ އެވެ. އެހެންވެ ފެންގަނޑު ހިންދުމުގެ މަސައްކަތް މަޑުޖައްސާލުމަށް ފަހު ކަނޑުގެ ސިފައިންގެ ޑައިވަރުންގެ މަސައްކަތް ވެސް ވަނީ ހުއްޓާލައިފަ އެވެ.
އުމުރުން 11 އަހަރާއި 16 އަހަރުގެ 12 ކުދިންނާއި އެ ކުދިންގެ 25 އަހަރުގެ ކޯޗާ އެކު ޗިއަން ރައި ޕްރޮވިންސްގެ ތަމް ލުއާން ނަންގް ނޮން ހޮހަޅަ އަށް ވަދެފައި ވަނީ ހޮނިހިރު ދުވަހު އެވެ. އޭގެ ފަހުން އެ ކުދިންގެ ޚަބަރެއް ނުވެ އެވެ.
އެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަން މިހާރު ވިސްނަނީ އެހެން ގޮތަކަށެވެ. އޮފިޝަލުން ބުނީ ފަރުބަދައިގެ ތެރޭން ތޮރުފާލައިގެން އެހެން މަގެއް ހެދޭތޯ ބަލަމުންދާ ކަމަށެވެ.
ތައިލެންޑުގެ ހޮހަޅައިގައި އެ ކުދިން ތިބޭތާ ފަސް ދުވަސްވެއްޖެ
އެ ކުދިން ތިބީ ހޮހަޅައިގެ ކިހާ ހިސާބެއްގައި ކަމެއް ވެސް ނޭނގެ އެވެ. އަދި އެ ކުދިން ސަލާމަތުން ތިބި ކަމެއް ވެސް އަދި ޔަގީނެއް ނޫނެވެ. އެކަމަކު ހޮހަޅަ އަށް ވަނުމުގެ ކުރިން އެ ކުދިން ފޮނުވި މެސެޖްތަކުގައި އެކަށީގެންވާ ވަރަށް ކާބޯތަކެއްޗާ އަދި ޓޯޗް ބައްތި ހުރި ކަމަށް ބުނެފައިވެ އެވެ.
ތަޖްރިބާކާރުން ބުނަނީ ހޮހަޅައިގެ ތެރޭގައި ފެންގަނޑުގެ ލެވަލް އަށް ވުރެ މަތީގައި އެ ކުދިންނަށް ތިބެވިއްޖެ ނަމަ ސަލާމަތް ވާނެ ކަމަށެވެ. އެހެން ނަމަވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ހައިޕޮތާމިއާ ނުވަތަ އޮކްސިޖަން ނުލިބުމެވެ.
ތަމް ލުއާން އަކީ ތައިލެންޑުގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ހޮހަޅަ އެވެ. ވިއްސާރަ މޫސުމުގައި އެ ހޮހަޅައިގެ ތެރޭގައި ވަރަށް ބޮޑަށް ފެންބޮޑުވެ އެވެ. ހޮހަޅައިގައި ފެންބޮޑުވެފައި ވަނީ އެ ކުދިން ހޮހަޅަ އަށް ވަނުމަށް ފަހު ކަމަށް ބެލެވެ އެވެ.
ހޮހަޅަތަކުގައި ފީނުމަށް ޚާއްސަ އިނގިރޭސި ވިލާތުގެ ތިން ޑައިވަރަކު އިއްޔެ ވަނީ ޗިއަން ރައި ސިޓީ އަށް ގޮހެވެ. އަދި އެމެރިކާ ސިފައިންގެ އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުންނެވެ.
ހޮހަޅައިގައި ތިބި ކުދިން ހޯދުމުގެ މަސައްކަތް ކުރާތާ ފަސް ދުވަސްވީ އިރު ދާޚިލީ ވަޒީރު އަނުޕޮން ޕައޮޖިންދާ ވިދާޅުވީ އެ ކުދިން ދިރިތިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy