ތަމް ލުއާން ކޯރުން ފެން ހިއްކުމުން ތައިލެންޑް ސިފައިން ޕަމްޕް ހަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
01 ޖުލައި 2018 - 14:11
ބެންކޮކް (ޖުލައި 1) - ތައިލެންޑުގެ ކުދިންތަކެއް ތާށިވި ކަމަށް ބެލެވޭ ތަމް ލުއަން ހޮހަޅައިގެ ތެރޭގައި ފެންގަނޑުގެ ލެވެލް މިހާރު ދަށްވަމުންދާ ކަމަށް ޗިއަން ރައި ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވެއްޖެ އެވެ.
މިއަންމާ އާއި ލާއޯސްގެ ބޯޑަރާ ކައިރީގައިވާ ހޮހަޅަ އަށް އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދުގެ 12 ދަރިވަރުންނާއި އެ ކުދިންގެ 25 އަހަރުގެ ކޯޗު މިދިޔަ ހޮނިހިރު ދުވަހު ވަން ފަހުން ޚަބަރެއް ނުވެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަރޮންގްސަކް ވިދާޅުވީ ދުވަހެއް ދުވަހެއް ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. ރެސްކިއު ޑައިވަރުން އިއްޔެ ވަނީ ހޮހަޅައިގެ ތެރޭގައި އެތައް ކިލޯ މީޓަރަކަށް ފީނައިފަ އެވެ. ގެއްލުނު ކުދިން ހޯދުމުގައި ދަނީ ހާހެއްހާ ޑައިވަރުން ހަރަކާތްތެރިވަމުންނެވެ.
ތަމް ލުއާން ކޯރުން ފެން ހިއްކުމުން ތައިލެންޑް ސިފައިން ޕަމްޕް ހަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ނޭވީ ސީލްގެ ޑައިވަރުން ވަނީ ހޮހަޅައިގެ ތެރޭގައިވާ ޓީ-ޖަންކްޝަނަކާ ހަމައަށް އިއްޔެ ފީނައިފަ އެވެ. އަދި އެއީ އެ ކުދިން ތިބޭނެ ކަމަށް ލަފާކުރެވޭ ސަރަހައްދާ ގާތްގަނޑަކަށް ދެތިން ކިލޯ މީޓަރުގެ ދުރު ހިސާބެއް ކަމަށް އޮފިޝަލުން ބުނެ އެވެ. ޑައިވަރުން މިދިޔަ ހަފުތާގައި ވެސް ވަނީ އެ ހިސާބަށް ފީނައިފަ އެވެ. ނަމަވެސް ހޮހަޅައިގެ ތެރޭގައި ފެންގަނޑު ބޮޑުވާތީ ޑައިވަރުން ވަނީ އަނބުރާލާފައި ހޮހަޅައިން ނުކުމެފަ އެވެ.
ޑައިވަރުން މިފަހަރު ދަނީ ހޮހަޅައިގެ ޓަނަލުގައި އޮކްސިޖަން ފުޅިވެސް ހަރުކުރަމުންނެވެ.
ތަން ލުއާން ހޮހަޅައިގެ ދިގު މިނުގައި 10 ކިލޯ މީޓަރު (ހަ މޭލު) ހުރެ އެވެ. އެއީ ތައިލެންޑުގެ އެންމެ ދިގު އެއް ހޮހަޅަ އެވެ. ޖުލައި އިން ނޮވެމްބަރަށް ތައިލެންޑަށް ވިއްސާރަ މޫސުމަށް ވާތީ އެ ހޮހަޅަ އަށް ނުވަނުމަށް ހޮހަޅައިގެ މައި އެންޓްރެންސްގައި ނޯޓިސް ވެސް ޖަހައިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy