ކުރީގެ ބޮޑު ވަޒީރު ނަޖީބު އިއްޔެ ކޯޓުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
05 ޖުލައި 2018 - 11:33
ކުއާލަ ލަމްޕޫރު (ޖުލައި 5) - ކޮރަޕްޝަނުގެ ތުހުމަތުގައި ދައުވާ ކުރުމަކީ ކުށެއް ނެތްކަން ސާބިތުކޮށްދޭން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެވެ.
އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތާ ގުޅިގެން އަންގާރަ ދުވަހު ހައްޔަރު ކުރުމަށް ފަހު މެލޭޝިއާގެ ހައި ކޯޓަށް އިއްޔެ ހާޒިރުކުރި ނަޖީބު ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމް އިންސާފުން ކުރިއަށްދާނެ ކަމަށް އޭނާ އުއްމީދު ކުރާ ކަމަށެވެ.
"އަޅުގަނޑަކީ ކުށެއް ނެތް މީހެއް. މިއީ އެކަން ސާބިތުކޮށްދޭން ލިބުނު ރަނުގެ ފުރުސަތެއް،" ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޖީބު ވިދާޅުވި އެވެ.
ކޯޓުގައި އެއް މިލިއަން ރިންގިޓް (250،000 ޑޮލަރު) ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ނަޖީބު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ޝަރީއަތް ދެން ކުރިއަށް ގެންދާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ނަޖީބުގެ މައްޗަށް ހަތަރު ދައުވާއެއް ކުރެ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ ކޮންމެ މައްސަލައަކަށް 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.
1އެމްޑީބީ އިން ހަތަރު ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށްވެ އެވެ. ފުލުހުން މިހާރު ވަނީ ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރާ ވެސް ސުވާލުކޮށްފަ އެވެ.
އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. ނަމަވެސް ނަޖީބުގެ ވެރިކަމުގައި ނިންމާފައި ވަނީ އެއީ ސައުދީ އަރަބިއާ އިން ދިން އެހީއެއް ކަމަށެވެ.
މެއި 9 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމެވެ. ނަޖީބު ބަލިކުރުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދުގެ ސަރުކާރުން ވަނީ ނަޖީބާއި އަނބިކަނބަލުން ރަސްމާ މަންސޫރު ފުރުން މަނާކޮށްފަ އެވެ.
ނަޖީބާއި އޭނާގެ އަނބިކަނބަލުންނާ ގުޅުން ހުރި ތަންތަނުން ފެނުނު ތަކެތީގެ އަގު 273 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާ ފުލުހުން ދާދި ފަހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
05 July 2018
ނަޖީބޫއެވެ. ޖަލުގެ ކުޑަ ގޮޅީގެރަނުގެ ފުރުޝަތު މުފަހަރު ރަގަލަށް ހިފާށެވެ. ރައްޔިތުންގެ ޙަޒާނާ އިން ވެސް ވައްކަން ކޮއްކޮއް މީހާ ތިހިރަ މޮޔަ ފުޅު ވީއެވެ. ﷲ ގެ ކުޅަދުން ވަންތަ ކަން ދެކޭށެވެ. މީހާ މުސްކުޅިވެ ގައި ބާރު ދެރަވި ދުވަހު ތިމާ މިއަދު ތިހިރީ ހައްޔަރު ގައެވެ. ފައިސާ އަކުން ލިބުނު އުފަލަކީ ކޮބައިތޯއެވެ. ތިމާ މަރުވީމާ ތި އެއްކުރި ފައިސާ ހިފައިގެން މަޙުސަރުގެ ބިމުގައި އުފަލާއި މަޖާ ކުރަން ލިބޭނެ ހެއްޔެވެ. ކިތައް ރައްޔިތުންގެ ޙައްޤު ތަކަށް އަރައި ގަނެވިފައި ވޭތޯއެވެ. މަޙުސަރު ބިމުގައި އެ ރައްޔިތުން ނަށް ތިމާ މޫނު ދައްކާލަން ކެރޭނެ ހެއްޔެވެ. ކިތައް ކިތައް ރައްޔިތުންގެ ބަދު ދުޢާ އާއި މަނިކުފާނު ކުރިމަތި ލާން ޖެހުނު ހެއްޔެވެ. އަނިޔާ ލިބޭ މީހާ ކުރާ ދުޢާ ތައް އިޖާބަ ކުރެއްވުމުގައި ﷲގެ ޙަރުޟަތާއި ދެމެދު އެއްވެސް ހުރަހެއް ނުވާ ކަމަށް އިލްމް ވެރިން ވިދާޅުވާ އަޑު މަމެން އެހީމުއެވެ. މިހިރަ މިހިރަ ކަންތައް ތަކުން ދެންވެސް ދުނިޔޭގައި ތިބި މީހުން އިބްރަތް ލިބި ގަތުން މުޙިންމު ކަމުގައި ދެކެމެވެ.
ބާބާ
05 July 2018
މިމީހުންގެ އަގައަކުން ނާރާނެ.