ނައިރޯބީ (ޖުލައި 21) - ލޯބިވެރިޔާ މަރާލި ކަމުގެ ކުށުގައި ކެންޔާގެ ރީތީގެ ރާނީ ރޫތު ކަމަންޑާ މަރަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ކަމަންޑާގެ ލޯބިވެރިޔާ 24 އަހަރުގެ ފަރީދު މުހައްމަދުގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ޖެހުމަށް ފަހު މަރާލީ 2015 ވަނަ އަހަރު އެވެ. ކަމަންޑާ، 25، ގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ މެއި މަހު އެވެ.
"ރުޅި އަންނަ ކޮންމެ ފަހަރަކު ނުވަތަ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ލޯބިވެރިޔާ މަރާލުމަކީ ކޫލް ކަމެއް ނޫންކަން ޒުވާނުންނަށް އަންގައިދޭން އަޅުގަނޑު ބޭނުން ވަނީ. އޭގެ ބަދަލުގައި ކޫލް ގޮތަކީ ރުޅި އައީމާ ނުކުމެގެން ދިއުން ނުވަތަ މައާފަށް އެދުން،" ކަމަންޑާގެ މައްޗަށް ހުކުމް އިއްވަމުން ކެންޔާގެ ހައި ކޯޓުގެ ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ކަމަންޑާ ކުރިން ވެސް ވަނީ ލޯބިވެރިޔާ އަށް ތުހުމަތުކޮށް އޭނާގެ މޯބައިލް ފޯނު ބަލާ ހަދާފައި ކަމަށެވެ. އަދި ލޯބިވެރިޔާ މަރާލައި މުޅި ތަނުގެ ލޭގެ ކޯރެއް ހެދުނު އިރު ވެސް ކަމަންޑާގެ ފަރާތުން ދެރަވުމުގެ އިހްސާސެއް ފެނިފައި ނުވާ ކަމަށް ފަނޑިޔާރު ފާހަގަކޮށްފައިވެ އެވެ.
"އެހެންވެ މީހަކު މެރިކަމަށް ސާބިތުވެފައިވާ މީހާގެ މައްޗަށް މަރުގެ ހުކުމް ނޫން ހުކުމެއް އިއްވައިފި ނަމަ އޭނާ ވާނީ ބަތަލަކަށް،" ފަނޑިޔާރު ވިދާޅުވި އެވެ.
ކެންޔާގެ ރީތީގެ ރާނީ މަރަން ހުކުމް ކުރުމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައި ވަނީ އެއީ "ވަރަށް އިންސާނިއްޔަތު ކަމެއް ނެތް ނާތަހުޒީބު" ހުކުމެއް ކަމަށެވެ.
ކެންޔާގައި މަރުގެ ހުކުމް އިއްވި ނަމަވެސް އެ ހުކުމް ފަހަކަށް އައިސް ތަންފީޒް ކޮށްފައެއް ނުވެ އެވެ. ކެންޔާގައި މަރަން ހުކުމް ކުރި މީހެއްގެ އަދަބު 1987 ވަނަ އަހަރުގެ ފަހުން ތަންފީޒުކޮށްފައެއް ނުވެ އެވެ.