ރާމުﷲ (ޖުލައި 30) - އިޒްރޭލުގެ ޖަލުގައި ބަންދުކޮށްފައި އަށް މަސް ދުވަހު ބެހެއްޓުމަށް ފަހު އިއްޔެ މިނިވަން ކުރި ފަލަސްތީނުގެ ޒުވާން އަންހެން ކުއްޖާ އަހުދު ތަމީމީ އަށް އެތައް ބައެއް ލޯބި ލިބިއްޖެ އެވެ.
ތަމީމީ، 17، ޖަލަށްލީ އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ޖަހައިގެންނެވެ. ތަމީމާއާ އެކު އޭނާގެ މަންމަ ނަރިމާން ވެސް ޖަލަށްލި އެވެ. ތަމީމީއާ އެކު އޭނާގެ މަންމަ ވެސް އިއްޔެ ވަނީ އިޒްރޭލުގެ ޖަލުން ދޫކޮށްލައިފަ އެވެ. އެ ދެމައިން ހުޅަނގު އައްސޭރީގެ ނަބީ ސާލިހަށް ދިއުމާ އެކު އެތައް ބަޔަކު ވަނީ މަރުހަބާ ކިޔައިފަ އެވެ.
"އިޒްރޭލުގެ އުދުވާން ނިމެންދެން މި އިހްތިޖާޖް ކުރިއަށް ދާނެ. ޖަލުގައި ތިބި ފަލަސްތީނުގެ ހުރިހާ އަންހެން ގައިދީންނަކީ ވަރަށް ހިތްވަރުގަދަ ބައެއް،" އެއްވެފައި ތިބި މީހުންނާ މުޚާތަބްކޮށް ތަމީމީ ބުންޏެވެ. "އަހަރެންނަށް ހިތްވަރު ދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން."
ތަމީމީ ބުނީ އޭނާ ބޭނުން ވަނީ ގާނޫނީ ދާއިރާ އިން ކިޔަވަން ކަމަށެވެ. އަދި ބޭނުމަކީ އިޒްރޭލް ޖަވާބުދާރީ ކުރުވުން ކަމަށް ވެސް އޭނާ ބުންޏެވެ.
އިޒްރޭލުގެ އަސްކަރީ ކޯޓަކުން ތަމީމީ އާއި އޭނާގެ މަންމަ އަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އިޒްރޭލް ސިފައިންގެ މީހެއްގެ ގައިގައި ތަމީމީ ޖަހާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑީއާގައި ގިނަ ބަޔަކު ޝެއާ ކުރި އެވެ. އިޒްރޭލް ސިފައިންގެ މީހާގެ ގައިގައި ތަމީމީ ޖެހީ، އޭނާގެ ތިމާގެ ކުއްޖަކަށް އިޒްރޭލް ސިފައިން ހަމަލާ ދިނުމުންނެވެ. އޭނާ ހައްޔަރު ކުރީ އެ ހާދިސާ ހިންގިތާ ހަތަރު ދުވަސް ފަހުން ޑިސެމްބަރު 19، 2017 ގަ އެވެ. އޭރު ތަމީމީގެ އުމުރަކީ 16 އަހަރެވެ. ތަމީމީއާ އެކު އޭނާގެ މަންމަ ވެސް ހައްޔަރު ކުރި އެވެ.