ގާޒާގެ ގޭސް ސްޓޭޝަނެއްގައި މީހަކު މިއަދު މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ
02 އޯގަސްޓް 2018 - 17:06
ގާޒާ (އޮގަސްޓް 2) - ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން މިއަދުން ފެށިގެން އަނެއްކާވެސް މަނާކޮށްފައިވާ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން ހުއްޓާލަނީ މަޑީގަ އާއި ފުއްޕާ ހަމުގައި "އަލިފާން ބޯޅަ" އިޒްރޭލަށް ފޮނުވާތީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށެވެ. މިދިޔަ މަހު 17 ވަނަ ދުވަހު ވެސް އިޒްރޭލުން ވަނީ ގާޒާ އަށް ތެޔޮ ސަޕްލައި ކުރުން ހުއްޓާލައިފަ އެވެ. ނަމަވެސް ހަފުތާއެއްހާ ދުވަސްތެރޭ ވަނީ އަލުން ހުއްދަ ދީފަ އެވެ. އިޒްރޭލުން ބުނީ ގާޒާ އަށް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ އަލުން ދިނީ އަލިފާން ބޯޅައިގެ ހަމަލާތައް މަދުވުމުން ކަމަށެވެ.
އިޒްރޭލުން ބުނެފައި ވަނީ ފަލަސްތީނުން ފޮނުވާ އަލިފާން ބޯޅައިގެ ސަބަބުން ބޮޑެތި ދަނޑުތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އެކަމަކު ފަލަސްތީނުން ބުނަނީ އަލިފާން ބޯޅަ ފޮނުވުމަކީ އިޒްރޭލުގެ އުދުވާނާ ދެކޮޅަށް އެ މީހުންނަށް ކުރެވޭނެ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy