ބަންގްލަދޭޝްގެ ކިޔަވާ ކުދިން ޑާކާގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
06 އޯގަސްޓް 2018 - 18:32
ޑާކާ (އޮގަސްޓް 6) - މަގު މަތީގެ އެކްސިޑެންޓަކުން މީހަކު މަރުވެއްޖެ ނަމަ އެ މައްސަލަ ތަހުގީގުކޮށް، އެއީ ގަސްދުގައި ކުރި އެކްސިޑެންޓެއް ނަމަ އެ މީހަކަށް މަރުގެ އަދަބު ދޭން ބަންގްލަދޭޝްގެ ކެބިނެޓުން މިއަދު ފާސްކޮށްފި އެވެ.
ބަންގްލަދޭޝްގެ ލޯ އެންޑް ޖަސްޓިސް މިނިސްޓަރު އަނީސުލް ހައްގު ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ ނަމަ، އެ މައްސަލަ ބަލައި އެއީ ގަސްދުގައި ހިންގި ކަމެއް ނަމަ މަރުގެ އަދަބު ދިނުމުގެ ގާނޫނެއް ތައްޔާރުކުރަން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަހަކުން ޖެހި ދެ ކުދިން މިދިޔަ މަހު 29 ވަނަ ދުވަހު މަރުވި ހާދިސާ އަށް ފަހު ބަންގްލަދޭޝްގައި މިހާރު ވަނީ ކިޔަވާ ކުދިންގެ ވަރުގަދަ މުޒާހަރާއެއް ފަށައިފަ އެވެ. މުޒާހަރާ ކުރާ މީހުން ގޮވާލަމުން ދަނީ މަގުތަކުގެ ރައްކާތެރިކަން ސަރުކާރުން ޔަގީންކޮށްދޭން ޖެހޭނެ ކަމަށެވެ. މި ގޮތުން އުޅަނދުތަކާއި ޑްރައިވަރުން ޗެކް ކުރުމަށް ދަނީ ގޮވާލަމުންނެވެ. މުޒާހަރާ ހޫނުވެ މިދިޔަ ހޮނިހިރު ދުވަހު ވަނީ ފުލުހުންނާ އެކު ކުރިމަތިލުންތައް ވެސް ހިންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy