ކުރީގެ ބޮޑު ވަޒީރު ނަޖީބު ކޯޓަށް ހާޒިރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
12 އޯގަސްޓް 2018 - 15:57
ކުއާލަ ލަމްޕޫރު (އޮގަސްޓް 12) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަނުގެ ޝަރީއަތް ފަށާނީ ފެބްރުއަރީ މަހު ކަމަށް ކޯޓުން ބުނެފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނަޒްލާން މުހައްމަދު ގަޒާލީ ހަމަޖައްސާފައި ވަނީ ފެބްރުއަރީ 12-28 އަދި މާޗް 4-29 އަށް ނަޖީބުގެ މައްސަލަ ކުރިއަށް ގެންދާ ގޮތަށެވެ. ސަރުކާރުގެ ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ނަޖީބާ ދެކޮޅަށް 50 މީހެއްގެ ހެކި ހުށަހަޅާނެ ކަމަށެވެ. ނަޖީބު މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
ނަޖީބުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ހަތް ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންނާއި މަގާމުގެ ނާޖާއިޒް ފައިދާ ނެގުމާއި ސަރުކާރުގެ ކުންފުންޏަކުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުން ހިމެނެ އެވެ. މެލޭޝިއާގެ އާ ސަރުކާރުން ވަނީ އިންވެސްޓްމަންޓް ފަންޑް 1އެމްޑީބީގައި ނަޖީބާއި އޭނާގެ އާއިލާ އިން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފަ އެވެ.
ނަޖީބުގެ މައްޗަށް އުފުލާފައިވާ މައްސަލަތައް ސާބިތުވެއްޖެ ނަމަ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މަނީ ލޯންޑްރިންގެ މައްސަލަތައް ސާބިތުވެއްޖެ ނަމަ ކޮންމެ މައްސަލައަކަށް 15 އަހަރުގެ ޖަލު ހުކުމެއް އަދި ކޮރަޕްޝަނުގެ މައްސަލަތައް ސާބިތުވެއްޖެ ނަމަ ކޮންމެ މައްސަލައަކަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނަޖީބުގެ ވަކީލް މުހައްމަދު ޝާފީ އަބްދުﷲ ވިދާޅުވީ އެއީ ސިޔާސީ ގޮތުން ކުރާ ދައުވާތަކެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy