އެމެރިކާގެ ސެނޭޓަރު ޖޯން މެކޭން. --ފޮޓޯ:އޭޕޭ
26 އޯގަސްޓް 2018 - 10:06
ވޮޝިންޓަން (އޮގަސްޓް 27) - ވިއެޓްނާމް ހަނގުރާމައިގެ ބަތަލް އަދި އެމެރިކާގެ ސެނޭޓަރު ޖޯން މެކޭން އުމުރުފުޅުން 81 އަހަރުގައި އަވަހާރަވެއްޖެ އެވެ.
އެމެރިކާގެ ސެނެޓަރުގެ މަގާމު ހަ ދައުރު އަދާކުރައްވާފައިވާ އަދި 2008 ވަނަ އަހަރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ސިކުނޑީގެ ޓިއުމަރަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ފަރުވާ ހޯއްދަވަން ފައްޓަވައިފަ އެވެ. ފަރުވާ ހުއްޓާލާފައިވާކަން މެކޭންގެ އާއިލާ އިން ހާމަކޮށްފައި ވަނީ ހުކުރު ދުވަހު އެވެ.
މެކޭން އަކީ ވިއެޓްނާމް ހަނގުރާމައިގައި އެމެރިކާ ސިފައިންގެ ޕައިލެޓެކެވެ. މެކޭން ދުއްވަން އިންނެވި ބޯޓު ވައްޓާލުމުގެ ސަބަބުން ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި ވިއެޓްނާމުގެ ޖަލުގައި ފަސް އަހަރު ވަނީ ހޭދަކުރައްވައިފަ އެވެ. ޖަލުގައި ހުންްނެވި އިރު ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އެވެ. ހަށިގަނޑުގެ ބައެއް ކަށިތައް ބިންދުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ވަނީ ލިބިފަ އެވެ.
މެކޭން ވަނީ 2000 ވަނަ އަހަރުގެ ރިޕަބްލިކަން ޕްރައިމަރީގައި ވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ ފަހަރުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޖޯޖް ޑަބްލިއު ބުޝް އެވެ.
ދެހާސް އަށް ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި އިރު މެކޭންގެ އުމުރުފުޅަކީ 72 އަހަރެވެ. މެކޭންއާ ދެކޮޅަށް ނުކުންނެވި ބަރަކް އޮބާމާގެ އުމުރުފުޅަކީ 47 އަހަރު އެވެ. އޮބާމާ އިންތިޚާބު ކާމިޔާބު ކުރެއްވީ 53 ޕަސެންޓުންނެވެ. މެކޭން އަށް ލިބިވަޑައިގެންނެވީ 45.6 ޕަސެންޓް ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy