އިޒްރޭލުގެ ދިފާއީ ވަޒީރުކަމުގެ މަގާމަށް ހަރުކަށި ބޭފުޅަކު ގެނައުމަކީ ސަރަހައްދީ ސުލްހަ އަށް ކުރިމަތި ކުރުވާނެ ނުރައްކަލެއް ކަމަށް ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
"އިޒްރޭލުގެ މި ސަރުކާރު ގާއިމްވެ އޮތުމަކީ ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ކަނޑައެޅިގެން ހުރި ނުރައްކަލެއް،" ސުލްހައިގެ ވާހަކަތަކުގައި ފަލަސްތީނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ސައިބް އަރަކާތު ވިދާޅުވި އެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރުގެ މަގާމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކަނާތު ފިޔައިގެ ހަރުކަށި ލީޑަރެއް ކަމަށްވާ އެވިގްޑޯ ލީބަމަން ހަމަޖައްސަވައިފަ އެވެ. ހަރުކަށި ވިސްނުމުގެ ލީބަމަން އަކީ އިޒްރޭލާ ދެކޮޅަށް ހަމަލާ ދޭ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ބާރުއަޅާ ފަރާތެކެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރުގެ މަގާމަށް ލީބަމަން ހަމަޖެއްސުމުން ހަމާސް ޖަމާއަތުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހްރީ ވިދާޅުވީ ލީބަމަން އަށް ދިފާއީ ވަޒީރުކަމުގެ މަގާމު ދިނުމަކީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ ބާރުގަދަ ކުރުމަށް ލިބޭނެ ބާރެއް ކަމަށެވެ. --އޭއެފްޕީ