އީރާނުގެ އިންޓަލިޖެންސް މިނިސްޓަރު މަހްމޫދު އަލަވީ. --ފޮޓޯ:ރޮއިޓާސް
29 އޯގަސްޓް 2018 - 17:33
ތެހެރާން (އޮގަސްޓް 29) - އީރާނުން ގިނަ އަދަދެއްގެ ޖޫސޫސުން ހައްޔަރުކޮށްފައިވާ ކަމަށް އިންޓަލިޖެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްމޫދު އަލަވީ ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި އީރާނާއި ކޮންމެވެސް އެހެން ގައުމަކާ އެކު ދެ ގައުމުގެ ރައްވެހިކަން އޮންނަ މީހުން ވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ އީރާނުގެ އިންޓަލިޖެންސް ވަރަށް ވަރުގަދަ ވާނެ ކަމަށާއި އެ ގައުމަށް ޖާސޫސް ކުރަން ނޫޅެވޭނެ ކަމަށެވެ.
"މާލީ ގޮތުންނާއި އެހެން ގޮތްގޮތް މެދުވެރިކޮށް އީރާނުގެ ދުޝްމަނުން ދަނީ މި ގައުމުން ވަގަށް މައުލޫމާތު ހޯދަން މަސައްކަތް ކުރަމުން،" އަލަވީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ ވެސް އީރާނަށް އޮތް ބޮޑު ބިރެއް ކަމަށާއި އައިއެސް އިން އީރާނުގައި ހިންގަމުން ދިޔަ 230 "ޓެރަރިސްޓް ސެލް" ނައްތާލާފައިވާ ކަމަށެވެ.
"ޔުނިވާސިޓީތަކަށާއި މެޓްރޯ އަދި އެ ނޫން ވެސް ތަންތަނަށް ދޭން އުޅުނު ހަމަލާތައް ވަނީ ނާކާމިޔާބު ކޮށްލާފައި،" އަލަވީ ވިދާޅުވި އެވެ.
އައިއެސް އިން މިދިޔަ އަހަރު ވަނީ އީރާނުގެ ޕާލަމެންޓާއި އާޔަތުﷲ ޚުމައިނީގެ ޒިޔާރަތަށް ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގައި ވަނީ 17 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy