ޑާކާ (ސެޕްޓެމްބަރު 7) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހެލްމެޓް ނާޅައި ސައިކަލް ދުއްވާ މީހުންގެ ވެހިކަލްތަކަށް ތެޔޮ ނާޅައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ޑާކާ މެޓްރޯޕޮލިޓަން ޕޮލިސް ކޮމިޝަނާ އަސަދުއްޒަމާން މިއާ ވިދާޅުވީ މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި ހެލްމެޓް ނާޅައި ދުއްވާ މީހުންގެ ސައިކަލަށް ތެޔޮ އަޅައިނުދިނުމަށް ޕެޓްރޯލް ސްޓޭޝަންތަކަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑާކާގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ބަހަކުން ޖެހި ސްކޫލް ކުއްޖަކު މަރުވި ހާދިސާ އަށް ފަހު މިދިޔަ ޖުލައި މަހު ވަނީ ކިޔަވާ ކުދިންގެ ބޮޑު މުޒާހަރާއެއްކޮށް ވެރިރަށް ހުއްޓުމަކަށް ގެނެސްފަ އެވެ.
ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސައިކަލްތަކަށް ދެ މީހުންނަށް ވުރެ ގިނައިން އަރުވައިގެން ދުއްވުން މަނާކުރުމާއި ސައިކަލް ފަހަތުގައި އިންނަ މީހާ ވެސް ހެލްމެޓް އެޅުން މަޖްބޫރުކޮށްފައިވެ އެވެ.
ބަންގްލަދޭޝް އަކީ މަގުމަތީ އެކްސިޑެންޓްތައް ގިނަ ގައުމެކެވެ. އަހަރަކު އެވްރެޖްކޮށް އެ ގައުމުގައި 12،000 މީހުން އެކްސިޑެންޓްތަކުގައި މަރުވެ އެވެ. އެއްގަމު އުޅަނދުތައް ދުއްވުމުގެ ގަވާއިދާ ޚިލާފުވެގެން ވޭތުވެދިޔަ 18 މަސްތެރޭ 626،000 މައްސަލަ ފުލުހަށް ހުށަހަޅާފައިވެ އެވެ. ބަންގްލަދޭޝްގައި ވަނީ ސައިކަލް ވިއްކާ އަދަދު ވެސް 30 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ގައުމުގައި ވަނީ 360،000 ސައިކަލް ވިއްކައިފަ އެވެ.