ކުއްޖާގެ މޫނަށް ހެރުނު އޫ ބޮލުން ނުކުމެފައިވާ އިރު ލޮލާއި ސިކުނޑި އަދި މައިބަދަ ވަނީ ސަލާމަތްވެފައި. --ފޮޓޯ:ސީބީއެސް
13 ސެޕްޓެމްބަރ 2018 - 13:58
މިސޫރީ (ސެޕްޓެމްބަރު 13) - މިއީ މިލިއަނަކުން އެކަކު ވެސް ސަލާމަތް ނުވާވަރުގެ ނުރައްކާތެރި ހާދިސާ އެކެވެ. ޓްރީ ހައުސްއަކުން ވެއްޓުނު 10 އަހަރުގެ ކުއްޖެއްގެ މޫނަށް މަސް ފިހަން ގެންގުޅޭ ކަހަލަ އުލެއް ހެރި އެ ކުއްޖާގެ ބޮލުން ހުރީ ނުކުމެފަ އެވެ.
އެމެރިކާގެ މިސޫރީގައި 10 އަހަރުގެ ޒާވިއާ ކަނިންގަމް އުޅުނީ ޓްރީ ހައުސްއެއްގައި ކުޅޭށެވެ. ކުއްލިއަކަށް އޭނާގެ މުޅި ގައިގައި ކުޅަނދުރު ހަފައިގަތުމުން ޓްރީ ހައުސް އިން ވެއްޓި ޖެހުނީ އެއް ފޫޓްގެ ދަގަނޑު އުލެއްގެ މައްޗަށެވެ. ލޯ ކައިރިން ހެރުނު އޫ ހުރީ ބޮލުގެ ނާށިގަނޑު ފަޅާލާފައި އަނެއް ކޮޅަށް ނުކުމެފަ އެވެ. އެކަމަކު އެ އެ ކުއްޖާގެ ލޮލާއި ސިކުނޑި، މައިބަދަ އަދި ލޭނާރުތަކަށް އެއްވެސް ގެއްލުމެއް ނުލިބެ ސަލާމަތްވުމަކީ ބޮޑު މުއުޖިޒާތެއް ފަދަ ކަމެކެވެ. ކެންސަސް ޔުނިވާސިޓީ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ އެ ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
އޫ ހެރުނު 10 އަހަރުގެ ޒާވިއާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. --ފޮޓޯ:ސީބީއެސް
ކެންސަސް ޔުނިވާސިޓީގެ ޑޮކްޓަރުން ވަނީ އޮޕަރޭޝަންކޮށް، ކާމިޔާބުކަމާ އެކު އެ އޫ ނަގައިފަ އެވެ.
ޒާވިއާގެ މަންމަ ގަބްރިއެއްލާ މިލާ ކެންސަސް ސިޓީ ސްޓާ ނޫހަށް ބުނީ އޭނާގެ ދަރިފުޅުގެ ބޮލަށް އޫ ހެރިފައި ހުއްޓާ ގޭ ތެރެއަށް ވަދެގެން ދިޔަ މަންޒަރު ފެނުނު ކަމަށެވެ.
ޒާވިއާގެ ބޮލަށް އޫ ހެރުނު ނަމަވެސް ލޭ އައިސްފައެއް ނުވެ އެވެ. ކެންސަސް ޔުނިވާސިޓީ ހޮސްޕިޓަލްގެ އެންޑޯވެސްކިއުލާ ނިއުރޯސާޖަރީ ޑިރެކްޓަރު ކޯޖީ އެބާސޯލް ވިދާޅުވީ ބޮލުގެ އެއްކޮޅުން އަނެއްކޮޅަށް ހަ އިންޗި އަށް އުލެއް ވަދެ ފޫގޮސްފައިވާ އިރު ލޮލާއި ސިކުނޑި، މައިބަދަ އަދި ލޭހޮޅިތައް ސަލާމަތްވުމަކީ މިލިއަނަކުން އެކަކަށް ވެސް ދިމާ ނުވާވަރުގެ ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. އެ ކުއްޖާ ސަލާމަތްވުމަކީ ބޮޑު މުއުޖިޒާތެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ދިހަ އަހަރުގެ ކުއްޖާ ކުޅެން އުޅުނު ޓްރީ ހައުސް. --ފޮޓޯ:ސީބީއެސް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫޕް
13 September 2018
އެހެންވީމައޭ ބުނަނީ މަރުވާނީ މަރުއައިސް ޖެހުނީމައޭ.
އިސްމާއިލް އަލީ
13 September 2018
ﷲ އަށް ހަމްދު ކުރަން. ﷲ ގެ ކުޅަދުން ވަންތަ ކަން ނިކަން ދެކިބަލަ
ޝައިމްބެ
13 September 2018
ﷲއަކްބަރު.
ފޮނިކަލޯ
13 September 2018
ﷲ ރައްކާތެރި ކުރައްވަން ހުރި އަޅަކު ހަމަ ރައްކާތެރި ކުރައްވާނެ ލަހެއް ފަހެއް ނުވޭ.....!