ހޮހަޅައިން ކުދިން ސަލާމަތް ކުރި ޑައިވަރާއި އީލޮން މަސްކުގެ ކޯޅުން: އެންމެ ފަހުން ކޯޓަށް

ވޮޝިންޓަން (ސެޕްޓެމްބަރު 18) - ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިން ޖުލައި މަހު ކުދިން ސަލާމަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި އިނގިރޭސި ޑައިވަރު ވާމަން އަންސްވޯތުގެ އަބުރާ ބެހިފައިވާތީ ޓެކްނޮލޮޖީ ވިޔަފާރީގެ ބިލިއަނަރު އީލޮން މަސްކު ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.


ހޮހަޅައިގައި ތިބި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުން އެތައް ބައެއްގެ ތައުރީފް ލިބިފައިވާ އިނގިރޭސި ވިލާތުގެ ޑައިވަރަށް އަމާޒުކޮށް މަސްކް ވަނީ، އެއްވެސް ހެއްކެއް ދެއްކުމެއް ނެތި، އެތައް ތުހުމަތެއް ކޮށްފަ އެވެ. އޭގެ ތެރޭގައި އަންސްވޯތަކީ ކުޑަ ކުދިންނާ ބެހޭ މީހެއް ކަމަށް ވެސް ޓެސްލާ ކުންފުނީގެ ބާނީ މަސްކް ބުނެފައިވެ އެވެ.

އަންސްވޯތުގެ ފަރާތުން ހުށަހެޅި ދައުވާގައި ބުނެފައި ވަނީ އަބުރާ ބެހުމުން ލިބުނު ގެއްލުމުގެ ބަދަލަށް 75،000 ޑޮލަރު ނަގައިދިނުމަށާއި މަސްކުގެ ފަރާތުން އެފަދަ ދޮގު ތުހުމަތުތައް ކުރުން ހުއްޓުވައި ދިނުމަށެވެ. އަންސްވޯތު މައްސަލަ ހުށަހަޅާފައި ވަނީ ކެލިފޯނިއާގެ ކޯޓަކަށެވެ. އަދި ލަންޑަނުގެ ކޯޓަކަށް ވެސް ހުށަހަޅާނެ އެވެ.

ހޮހަޅައިން ކުދިން ނެރެން އެހީވުމުގެ ގޮތުން މަސްކް ވަނީ މިނީ ސަބްމެރިނެއް ތައްޔާރުކޮށް އެ ހިފައިގެން ހޮހަޅައަށް ގޮސްފަ އެވެ. ނަމަވެސް ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ މަސްކުގެ ސަބްމެރިން އެއީ އެ ހޮހަޅައިގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އިނގިރޭސި ޑައިވަރު އަންސްވޯތު ބުނެފައި ވަނީ އެއީ މަސްކް ޖެއްސި "ޕީއާރް ސްޓަންޓެއް" ކަމަށެވެ. އަންސްވޯތަށް ރައްދު ދޭން ފުލުފުލާ މަސްކް ކުރި ޓްވީޓްތަކެއްގައި ވަނީ އޭނާ އަކީ ކުޑަ ކުދިންނާ ބެހޭ މީހެއް ކަމަށް ބުނެފަ އެވެ. މަސްކްގެ ޓްވިޓާ އެކައުންޓް 22.5 މިލިއަން މީހުން ފޮލޯ ކުރެ އެވެ. ނަމަވެސް މަސްކް ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްލައިފަ އެވެ. އަދި ފަހުން ވަނީ މައާފަށް އެދިފަ އެވެ. އެކަމަކު އޭނާ އަނެއްކާވެސް މި މަހުކުރީކޮޅު ވަނީ އަންސްވޯތުގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަން ފަށައިފަ އެވެ.